27 ސެޕްޓެމްބަރ 2017 - 11:51

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި މުޅިން އަލަށް ވާދަކުރާ ވ. އަތޮޅަށް ނިސްބަތްވާ ސީލައިފް ސްޕޯޓްސް ކްލަބް ވާދަކުރަން ޖެހިއްޖެ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުތައް ނިމުނުއިރު، އެއް ވަނަ ދިޔައީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ސީލައިފެވެ. ދެ ވަނަ އަށް ދިޔަ މޯލްޑިވިއަން ވަނީ ކުޅުނު ތިން މެޗުގެ ތެެރެއިން ދެ މެޗުން މޮޅުވެފަ އެވެ. ސިފައިން ދެ މެޗުން ބަލިވިއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. އަދި އެންމެ ފުލަށް ދިޔަ ޕޮލިސް ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ.
ދެ ވަނަ ބުރުގެ ފަހު މެޗުގައި ރޭ މޯލްޑިވިއަންގެ މައްޗަށް ސީލައިފުން ކުރިހޯދީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު މޯލްޑިވިއަން އިން ގެންދިޔައީ 26-24 އިންނެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު އޮތް ސީލައިފް މޮޅުވީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެންނެވެ. އެ ޓީމު ސެޓުތައް ގެންދިޔައީ 13-25، 15-25 އަދި 11-25 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސީލައިފް އަދި ގައުމީ ޓީމުގެ ކެޕްޓަން ތަޖުރިބާކާރު ކުޅުންތެރިއާ އިޝާން މުހައްމަދު (ބަޓިސް) އެވެ.
އިއްޔެ ހަވީރު މުބާރާތުގައި ސިފައިން ކުޅުނު ފަހު މެޗުން ޕޮލިހުގެ މައްޗަށް އެ ޓީމު ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-15 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ އާދަމް ނަސީމް (އެޑަމް) އެވެ.
ސިފައިންގެ ޓީމުން ބުނީ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ގިނަ މެޗުތައް ކުޅެން ޖެހުނީ އެއް މެޗު ކުޅުނުތާ 24 ގަޑިއިރު ވެސް ހަމަނުވަނީސް ކަމަށް ވުމުން ވަރަށް ބޮޑަށް ކުޅުންތެރިން ވަރުބަލިވުމުގެ މައްސަލަތައް ދިމާވި ކަމަށެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މިރޭ ސިފައިން ބައްދަލުކުރާނީ ޕޮލިހާ އެވެ. ފައިނަލުގައި މޯލްޑިވިއަން އާއި ސީލައިފް ކުޅޭ މެޗު އޮންނާނީ މާދަމާރޭ އެވެ.