28 ސެޕްޓެމްބަރ 2017 - 12:45

އިސްލާމިކް ބޭންކިން އަދި ފައިނޭންސްއާ ގުޅޭގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ކޮންފަރެންސް، އަންނަ މަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ސްރީލަންކާގެ ޔޫޓީއޯ އެޑިއު ކުންފުނިން ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ބާއްވާ މި ކޮންފަރެންސް މި އަހަރު ބާއްވަނީ، އަންހެނުން ބާރުވެރިކުރުމަށް އުފައްދާފައިވާ އަންހެނުންގެ ޖަމިއްޔާ ވިމެން އޮން ބޯޑްސް (ވީއޯބީ)އާ ގުޅިގެންނެވެ. މިއީ މި ކޮންފަރެންސް ރާއްޖޭގައި ބާއްވާ ހަތަރު ވަނަ ފަހަރެވެ.
އަންނަ މަހު ހަތަރެއްގައި ބާއްވާ މި ކޮންފަރެންސްގައި ރާއްޖެ އާއި ދުނިޔޭގެ އެކި ގައުމުތަކުން އިސްލާމިކް ފައިނޭންސިންއާ ގުޅޭ ގިނަ ބަޔަކު ބައިވެރިވާނެ އެވެ.
ވީއޯބީން ބުނި ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގައި ރާއްޖޭގައި މި ދާއިރާ ކުރި އެރުވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ހުރި ގޮންޖެހުންތައް ހައްލު ކުރާނެ ގޮތާއި އައު އީޖާދުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ފޯރުކޮށްދޭ 13 މުއައްސަސާއެއް ހުންނަ އިރު، އިސްލާމިކް ފައިނޭންސްގެ ދާއިރާ ރެގިއުލޭޓް ކުރަނީ އެމްއެމްއޭ އާއި ސީއެމްޑީންނެވެ. އަދި ދުވަހުން ދުވަހަށް އެ ދާއިރާ ރާއްޖޭގައި ކުރި އަރަމުން އަންނަ ކަން ވެސް ވީއޯބީން ފާހަގަ ކުރެ އެވެ.
އިސްލާމިކް ފައިނޭންސްގެ މައި ހަބެއްގެ ގޮތުގައި ރާއްޖެ ހެދުމަށް، މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް އުފައްދާފައިވާ އިރު ރާއްޖޭގެ ރިސޯޓުތައް އިސްލާމިކް ފައިނޭންސް ނިޒާމުގެ ދަށުން ތަރައްގީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ޑަބްލިއުއޯބީ އަކީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ވިޔަފާރީގައި އަންހެނުންނަށް އިސް ދައުރެއް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިން، ދެޖިންސުގެ ހަމަހަމަކަމާއި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާއި ބޯޑް ޑައިވާސިޓީ ޕްރޮމޯޓް ކުރުމަށް ވެސް އެ ޖަމިއްޔާ އިން މަސައްކަތް ކުރެ އެވެ.