މެޑްރިޑާއި ޓޮޓެންހަމް އުހަށް
މެޑްރިޑާއި ޓޮޓެންހަމް އުހަށް

ޑޯޓްމަންޑް (ސެޕްޓެމްބަރު 27) – ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗް ގައި ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އިން ދެ ވަނަ މޮޅު ހޯދިއިރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދެ ވަނަ މެޗުން ބަލިވެ މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރަށުން ބޭރުގައި ޑޯޓްމަންޑް އަތުން 3-1 މެޑްރިޑް މޮޅުވިއިރު ޓޮޓެންހަމް މޮޅުވީ ސައިޕްރަސްގެ އެޕޮއެލް އަތުން 3-0 އިންނެވެ. މެޑްރިޑާއި ޓޮޓެންހަމް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ޖެހި ލަނޑާއި ވަން ލަނޑު ވެސް އެއްވަރެވެ. ޑޯޓްމަންޑާއި އެޕޮއެލް އަށް ޕޮއިންޓެއް ނުލިބެ އެވެ. ފުރަތަމަ ދެ މެޗުން ބަލިވުމާ އެކު، ދެ ވަނަ ބުރުން ޖާގަ ހޯދުމަށް ޑޯޓްމަންޑަށް އޮތީ އުނދަގޫ ހަނގުރާމައެކެވެ.

ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކުގައި ރޭ ޑޯޓްމަންޑާއި މެޑްރިޑް ކުޅުނު މެޗުގައި މެޑްރިޑަށް ލީޑު ނަގައިދިނީ 18 ވަނަ މިނެޓުގައި ގަރެތު ބޭލް އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމަށް ތަފާތު ބޮޑުކޮށްދީފަ އެވެ. ޑޯޓްމަންޑުގެ އުއްމީދުއާކޮށްދިނީ 54 ވަނަ މިނެޓުގައި ޕިއެރޭ އެމެރިކް އޯބަމަޔަން އެވެ. އެކަމަކު 79 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ދެ ވަނަ ލަނޑު ޖަހައި މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

އެޕޮއެލް އަތުން ރަށުން ބޭރުގައި ޓޮޓެންހަމް 3-0 އިން މޮޅުވިއިރު އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއީ އޭނާ މި ސީޒަނުގައި އޭނާ އަށް މެޗުން ޖެހި ނުވަ ވަނަ ގޯލެވެ.

މުބާރާތުގެ ގްރޫޕް ޖީ ގައި ރޭ ޖަރުމަނުގެ އާރްބީ ލީޕްޒީގް އަތުން 2-0 އިން މޮޅުވެ ތުރުކީގެ ބެސިކްޓަސް ވަނީ ހަ ޕޮއިންޓާ އެކު އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ރޭ ފްރާންސުގެ މޮނާކޯ އަތުން 3-0 އިން މޮޅުވި ޕޯޗުގަލްގެ ޕޯޓޯ އެވެ. މޮނާކޯ އާއި ލީޕްޒިގަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.