ސިޓީ އަށް މޮޅެއް، ލިވަޕޫލަށް މި ފަހަރު ވެސް ޕޮއިންޓެއް
ސިޓީ އަށް މޮޅެއް، ލިވަޕޫލަށް މި ފަހަރު ވެސް ޕޮއިންޓެއް

މެންޗެސްޓާ (ސެޕްޓެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޝަހުތަރު ޑޮނެސްކް އަތުން 2-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު، ދެ ވަނަ މެޗުން ލިވަޕޫލް 1-1 އިން ސްޕާޓާ މޮސްކޯއާ އެއްވަރުވެ މި ފަަހަރު ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ސިޓީ އަށް މޮޅެއް، ލިވަޕޫލަށް މި ފަހަރު ވެސް ޕޮއިންޓެއް
ސިޓީ އަށް މޮޅެއް، ލިވަޕޫލަށް މި ފަހަރު ވެސް ޕޮއިންޓެއް

ސިޓީ ވަނީ ކުޅުނު ފުރަތަމަ މެޗުން ރަށުން ބޭރުގައި ފެޔަނޫޑް އަތުން ބޮޑު ތަފާތަކުން މޮޅުވެފަ އެވެ. ރޭގެ މޮޅާ އެކު އެ ޓީމު ވަނީ ގްރޫޕް އެފްގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ނަޕޯލީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ފެޔަނޫޑަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޔޫކްރޭނުގެ ޝަހުތަރާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސިޓީ ކުޅުނު މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ޖަހާފައިވަނީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ލަނޑު ޖެހީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. މެޗުގެ ފަހު ވަގުތު ދެ ވަނަ ލަނޑު ކާމިޔާބުކުރީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިން އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ނަޕޯލީ ވަނީ 3-1 އިން ފެޔަނޫޑް ބަލިކޮށްފަ އެވެ. ނަޕޯލީގެ ލަނޑުތައް ޖެހީ ލޮރެންޒޯ އިންސީނޭ، ޑްރީސް މާޓެންސް އަދި ހޯސޭ ކަޔޭހޯން އެވެ. ފެޔަނޫޑްގެ ލަނޑު ކާމިޔާބުކުރީ ސޮފްޔަން އަމްރަބާތު އެވެ.

ލިވަޕޫލް ފުރަތަމަ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެއްވަރުވެފައި ވުމުން ދެ ވަނަ މެޗަށް ނުކުތީ ފުރަތަމަ މޮޅު ހޯދުމަށެވެ. އެހެން ނަމަވެސް ދެ ވަނަ މެޗުން ވެސް ރޭ އެ ޓީމު ވީ އެއްވަރެވެ.

މޮސްކޯގައި ކުޅުނު މި މެޗުން ސްޕާޓާގެ ފެނާންޑޯ ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ލިވަޕޫލަށް އެއްވަރުކޮށްދިނީ ފިލިއްޕޭ ކުޓީނިއޯ އެވެ. މި މެޗުގައި ލިވަޕޫލަށް ދިމާވީ ނިންމާނުލެވުމުގެ މައްސަލަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް އެ ޓީމަށް ލިބުނުއިރު ވަނީ ބޭނުން ނުހިފިފަ އެވެ. އޭގެ ތެރޭގައި ރޮބާޓޯ ފިރްމީނޯ އާއި މުހައްމަދު ސަލާ އަދި ޑެނިއަލް ސްޓަރިޖަށް ލިބުނު ފުރުސަތުތައް ހިމެނެ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި ސްލޮވީނިއާގެ މަރިބޯ 3-0 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ސެވިއްޔާ އަށް ކުޅޭ ފްރާންސްގެ ފޯވާޑް ބެން ޔެޑާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ސެވިއްޔާ މި މޮޅާ އެކު ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް ސްޕާޓާ އަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް މަރިބޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.