27 ސެޕްޓެމްބަރ 2017 - 06:33

ޓްވީޓެއްގެ ދިގުމިން 140 ކެރެކްޓާ އިން 280 ކެރެކްޓާ އަށް ބަދަލުކުރުމުގެ ޓެސްޓު ބުރެއް ޓްވިޓާ އިން ފަށައިފި އެވެ.
ޓްވީޓްތައް މިހާރަށް ވުރެ ދެ ގުނަ ދިގުކޮށް ލިޔެވޭ ގޮތް ހަދަން ބޭނުންވަނީ ޝުއޫރު ފާޅުކުރަން މިހާރަށް ވުރެ ފަސޭހަކޮށްދޭން ކަމަށް ޓްވިޓާ އިން ބުނެ އެވެ. މި ބަދަލުގެ އަޖުމަ ބަލަން މަދު ބަޔަކަށް 280 ކެރެކްޓާ ޓްވިޓާ އިން ވަނީ ދީފަ އެވެ.
ބްލޮގް ޕޯސްޓެއްގައި ޓްވިޓާ އިން ބުނިގޮތުގައި މިހާރުގެ ކެރެކްޓާ ލިމިޓާ ހެދި ބައެއް ޔޫޒަރުންނަށް ވަރަށް އުނދަގޫވެ އެވެ.
ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާ މިންވަރު މަޑުޖެހެމުންދާ މި ދަނޑިވަޅުގައި މި ބަދަލު ގެންނަން އެ ކުންފުނިން ބޭނުންވަނީ މަގްބޫލުކަން ބޮޑުކޮށް، އާ ޔޫޒަރުން ހޯދަން ކަމަށް ވެދާނެ އެވެ.
ޖަޕަނީސް، ޗައިނީޒް އަދި ކޮރެއާ ބަސް ފިޔަވައި އެހެން ހުރިހާ ބަހަކުން ދިގު ޓްވީޓްގެ ޓެސްޓުތައް ކުރަމުން އަންނަ ކަމަށް ޓްވިޓާ އިން ބުނެ އެވެ.
ދިގު ކެރެކްޓާ ލިމިޓް އެންމެ ފުރަތަމަ ޓެސްޓްކުރި މީހުންގެ ތެރޭގައި ޓްވިޓާގެ ބާނީ ޖެކް ޑޯޒީ ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ އެއީ ކުޑަ ބަދަލެއް ކަމަށާއި އެކަމަކު ޓްވިޓާ އަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. ޓްވީޓްތަކުގެ ދިގުމިން 140 ކެރެކްޓާ އަށް ލިމިޓްކުރީ އެސްއެމްއެސްގެ ދިގުމިން 160 ކެރެކްޓާ އަށް ލިމިޓްކޮށްފައި އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ މިހާރު ޓްވިޓާ އިން ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ.
މި ބަދަލާ މެދު ބައެއް މީހުންގެ ޚިޔާލު ތަފާތެވެ. ޓްވިޓާގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނިގޮތުގައި 280 ކެރެކްޓާ މާ ގިނަ އެވެ. އެހާ ދިގު ޓްވީޓްތަކަށް ޓްވިޓާގައި ޖާގައެއް ނެތް ކަމަށް އެ މީހުން ދެކެ އެވެ. އަނެއް ބަޔަކު ކަންބޮޑުވަނީ ދުވާލަކު އެތައް ޓްވީޓެއް ކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މި ފުރުސަތު ލިބިވަޑައިގެންފާނެތީ އެވެ.
އެކަމަކު ޓްވިޓާ އިން ދެކޭގޮތުގައި މި ބަދަލުގެ ސަބަބުން ޓްވީޓްކުރާ މިންވަރު އިތުރުވެގެންދާނެ އެވެ.