ޗައިނާއިން 2020 ގައި މާސް އަށް
ޗައިނާއިން 2020 ގައި މާސް އަށް

ޗައިނާއިން 2020 ގައި މާސް އަށް އުޅަނދެއް ފޮނުވާނެ އެވެ. މަސައްކަތްތައް ވަރަށް ބާރަށް ކުރި އަށް ދާ ކަމަށް އޮފިޝަލުން ބުނެ އެވެ. މާސް އަށް އުޅަނދެއް ފޮނުވައި، ވާދަވެރިންނާ ފައިހަމަކުރުމަކީ ޗައިނާ އިން ދެކޭ ހުވަފެނެކެވެ. ޗައިނާ ސްޕޭސް ޕްރޮގްރާމްގެ މެންބަރުންގެ މެދުގައި އޮތީ އެއް ރޫހެއް ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

މާސް އަށް ދިއުމަށްޓަކައި ކުރާ ދަތުރުމަތީގައި، ހަތް މަސްދުވަސް ހޭދަވާނެ އެވެ. އެ އަށް ފަހު މާސް އަށް އުޅަނދެއް ޖައްސައި، ބިމުން ސާމްޕަލް ނަގައި ޓެސްޓްކުރާނެ އެވެ. މާސްގެ ބިން އުފެދިފައިވާ ގޮތާއި، ބިމުގައި ހުރި ބާވަތްތައް ދަސްކުރުމަށްޓަކައި ތަހުލީކުކޮށް، ނަތީޖާ ބިމަށް ފޮނުވާނެ ކަމަށް ވެސް "ބީޖިން އިންޓަނޭޝަނަލް ފޯރަމް އޮން ލޫނާ އެންޑް ޑީޕް ސްޕޭސް އެކްސްޕްލޮރޭޝަން" ގައި ވާހަކަދެއްކެވި ޗީފް އާކިޓެކްޓް، ޒޭންގް ވިދާޅުވި އެވެ.

ޖައްވީ ވާދަވެރިކަމުގައި ޗައިނާ ހޯދަމުންދާ ކުރިއެރުންތައް، އެމެރިކާ އަދި ރަޝިޔާ އާށް ދޫނުކުރެ އެވެ. ފައިސާގެ ދަތިކަމެއް ނެތި، ގައުމީ ކަމެއްގެ ގޮތުގައި ހިންގާ ޕްރޮގްރާމްގައި، ޗައިނާއިން ވަނީ "ބްލެކް ހޯލްސް"އާ ބެހޭ ގޮތުން ދަސްކުރުމަށްޓަކައި، އެކްސްރޭ ސްޕޭސް ޓެލެސްކޯޕެއް ވެސް ޖައްވަށް ފޮނުވާފަ އެވެ.

ޗައިނާގެ ޖައްވީ ޕްރޮގްރާމްގައި މީޑިޔާ އަށް ލިބެނީ މަސައްކަތުގެ މަދު މިންވަރެކެވެ. ޕްރޮގްރާމް ހިނގާ ގޮތާ ބެހޭ ގޮތުން އާންމުނަށް އެނގޭ ވަރަށް ވުރެ، އަމަލީ ގޮތުން ހޯދާފައި ހުރި ކުރިއެރުން ގިނަ ކަމަށް ބެލެވެ އެވެ.

މާސް އަށް ދިއުމަށް ގައުމުތައް ޝައުގުވެރިވެފައިވާ މިންވަރަށް ބަލާއިރު، އެކަން އެންމެ ފުރަތަމަ ހާސިލުކުރާނީ ކޮން ގައުމަކުން ކަމެއް އަދި ނޭނގެ އެވެ. ވާދައިގެ މަސައްކަތްތަކުގައި ރަޝިޔާ އަކީ އަބަދު ވެސް ވަރަށް ހިމޭނުން އޮންނަ ގައުމެކެވެ. އެހެންކަމުން މާސް އަށް އިންސާނަކު ފޮނުވުމަށް ރަޝިޔާ ކުރާނެ ކަމެއް އަދި ނޭނގެ އެވެ. އެ އަށް ވުރެ ކުރިން މާސްގައި ޓެންޓްޖަހާ ބަހަޔަށް ޗައިނާ ވުމަކީ ވެސް ވެދާނެ ކަމެކެވެ.