26 ސެޕްޓެމްބަރ 2017 - 16:56

ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން ކަމަށް ބުނެ އިދިކޮޅު 12 މެމްބަރަކަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް ފެށުމާ އެކު، ދިފާއީ ވަކީލުން ލިބުން ދަތިކަމުގެ ޝަކުވާ އެ މެމްބަރުން މިއަދު ކޯޓުގައި ކުރައްވައިފި އެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނެ ދައުވާކުރަނީ ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހާއި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މުހައްމަދު އިބްރާހިމް ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހްގެ މައްޗަށެވެ.
މީގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ މައްޗަށް ވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރެ އެވެ.
އެ ހުރިހާ މެމްބަރުންގެ މައްޗަށް ވެސް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ހުރިހާ މެމްބަރުންގެ ބައި ވެސް ކުރިއަށް ގެންދަނީ އެއްކޮށް، އެއް މަޖިލީހެއްގަ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންގެ މައްޗަށް އެއްފަހަރާ ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ފަށައި، ވަކީލަކު އައްޔަން ކުރަން ބޭނުންވޭތޯ ކޮންމެ މެމްބަރަކާ ވަކިވަކިން ގާޒީ ސުވާލު ކުރެއްވުމުން ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ވަކީލަކު ބޭނުންވާ ކަމަށެވެ. އެކަމަކު ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކޮށްފައި ތިބުމުން ވަކީލުން ހޯދަން ދަތިކަމަށް ވިދާޅުވެ، ދިގު މުއްދަތެއް އެކަމަށް ދޭން މެމްބަރުން އެދިވަޑައިގަތެވެ.
ވަކީލަކު ހޯދަން ދެ ތިން މަސް ބޭނުންވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އިރު އަނެއް ބައި މެމްބަރުން އެދިވަޑައިގަތީ އެކަށީގެންވާ ދިގު މުއްދަތެއް އެކަމަށް ދިނުމަށެވެ. ސަސްޕެންޑްކޮށްފައި ތިބި ވަކީލުންގެ ސަސްޕެންޝަން ނިމުމަކަށް އައުމުން އެ ޝަރީއަތް ކުރިއަށް ގެންދަން ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް އެދިވަޑައިގަތެވެ.
މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ކޮންމެ މެމްބަރަކަށް ވެސް ދެއްވީ ވަކީލަކު ހޯދުމަށް 10 ދުވަހުގެ މުއްދަތެވެ. ގާޒީ އާރިފް ވިދާޅުވީ 10 ދުވަހުގެ މުއްދަތަކީ މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން އެކަމަށް ދެވޭ އެންމެ ދިގު މުއްދަތު ކަމަށާއި އެ މުއްދަތުގައި ވަކީލަކު ހޯދަން މަސައްކަތް ކުރަން ވާނެ ކަމަށެވެ. އެކަމަކު މަގްބޫލު އުޒުރެއް އޮވެގެން އެ މުއްދަތުގައި ވަކީލަކު ނުލިބިއްޖެ ނަމަ އެ މުއްދަތު އިތުރު ކޮށްދެވިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
"އެކިއެކި ސަބަބުތައް ހުރެދާނެ. މި މުއްދަތު ހަމަވާއިރު ވަކީލަކު ހަމަނުޖެހުނީ އެކަށީގެންވާ މަގްބޫލު އުޒުރެއް އޮވެގެން ކަމަށްވާ ނަމަ އެ މުއްދަތު އިތުރުކޮށް ދެވިދާނެ. އެކަމަކު މި ވަގުތު މަސައްކަތް ކުރައްވާ 10 ދުވަސް ތެރޭގައި ވަކީލަކު ހަމަޖައްސަން،" ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާރިފް ވިދާޅުވި އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މެމްބަރުންނަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
އޭގެ ތެރެއިން ސައުދާއި ވައްޑެ އަދި އަމީތުގެ މައްޗަށް އިތުރު ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ އެ ތިން ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާތީ އުފުލާފައިވާ "ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ" އެވެ.
އެ މައްސަލާގައި އިބްތިދާއީ އަޑުއެހުން ވެސް މިއަދު ބޭއްވި އިރު އެ ތިން ބޭފުޅުން ވަކީލުން ބޭނުންވާ ކަމަށް ވިދާޅުވުމުން، ވަކީލަކު ހަމަޖައްސަން ގާޒީ އާރިފް ވަނީ 10 ދުވަސް ދެއްވައިފަ އެވެ.
އެ މައްސަލަތަކުގެ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާނެ ކަމަށް ގާޒީ އާރިފް އިއުލާން ކުރެއްވި އެވެ.