ޕާޓީއަކަށް ދިޔަ ހަ މީހަކަށް އެއް ވައްތަރު ހެދުން ލެވިއްޖެ
ޕާޓީއަކަށް ދިޔަ ހަ މީހަކަށް އެއް ވައްތަރު ހެދުން ލެވިއްޖެ

އޮސްޓްރޭލިއާގެ ސިޑްނީގައި މިދިޔަ ހޮނިހިރު ދުވަހު އޮތް ކައިވެނި ޕާޓީއަކަށް ދިޔަ ހަ އަންހެނަކަށް އިއްތިފާގުން އެއް ވައްތަރުގެ ހެދުން ލެވިއްޖެ އެވެ. މި މީހުންނަކީ ބްރައިޑްސްމެއިޑްސް އެއް ނޫނެވެ. ހަމަ ޕާޓީއަށް ދައުވަތު ލިބިގެން ވަކިވަކިން އައި މީހުންނެވެ. ފޯއެވާ ނިއު ފެޝަން ބްރޭންޑްގެ މި ހެދުމުގެ އަގަކީ 160 ޑޮލަރެވެ. މި މީހުންނަށް މި ހެދުންތައް ލެވިފައިވަނީ ހަމަ އިއްތިފާގަކުންނެވެ.

މިފަދަ ހާދިސާއަކަށް ބިނާކޮށް 1993 ގައި އެލަން ބޯލް ވަނީ ތަމްސީލެއް ވެސް ތައްޔާރުކޮށްފަ އެވެ. އެ ތަމްސީލަށް ކިޔަނީ "ފައިވް ވިމެން ވެއަރިން ދަ ސޭމް ޑްރެސް" އެވެ. ނަމަވެސް މިފަހަރުގެ ހާދިސާގައި އެއް ކަހަލަ ހެދުން އެޅީ ފަސް އަންހެނުނެއް ވެސް ނޫނެވެ. ހަ އަންހެނުންނެވެ.

ޕާޓީއަކަށް ދާއިރު، ލައިގެން ހުރި ހެދުމާ އެއް ވައްތަރުގެ ހެދުމެއް އެހެން މީހަކު ލައިގެން ހުއްޓާ ފެނުމަކީ ކޮންމެ މީހަކު ވެސް ވަރަށް ލަދުގަންނަ އަދި ހިތްހަމަނުޖެހޭނެ ކަމެކެވެ. ނަމަވެސް މި ހަ އަންހެނުން މި ކަން ނެގީ ވަރަށް މަޖާ ކަމެއްގެ ގޮތުގަ އެވެ. އެކުގައި ގްރޫޕް ފޮޓޯ ނަގައި އެންމެން ޕާޓީގައި ނަށައި ވަރަށް މަޖާކުރި އެވެ.

އެއް ވައްތަރުގެ ހެދުން އެޅުނު ހަ އަންހެނުންގެ ތެރެއިން އެކަކު ކަމަށްވާ ޑެބީ ސްޕަރެންޒާ ވަނީ އެ ހެދުމުގެ ފެޝަން ބްރޭންޑް ފޯއެވާ ނިއުގެ ފޭސްބުކް ޕޭޖްގައި މި ހާދިސާ އެމީހުންނާ ހިއްސާކޮށްފަ އެވެ. އަދި އޭނާ ޕޯސްޓްކޮށްފައިވާ ފޮޓޯއަށް 30،000 މީހުން ލައިކް ދީފައިވާއިރު 9،500 އަށް ވުރެ ގިނަ މީހުން ކޮމެންޓް ކޮށްފައިވެ އެވެ.

ސްޕަރެންޒާ "ދަ ޓެލެގްރާފް" ނޫހަށް ބުނެފައިވާ ގޮތުގައި އޭނާ އާއި އޭނާގެ ދެބެންގެ ދެ ދަރި މީހަކަށް އެ ޕާޓީއަށް ގޮސް ވަދެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ދެ މީހުންނަށް އެކަކު އަނެކަކު ފެނުމާއެކު ކުއްލިއަކަށް ވަރަށް ބާރަށް ހޭން ފެށުނީ އެވެ. އެހެން ހޭން ތިއްބާ އިރުކޮޅަކުން އެހެން މީހަކު ހަމަ އެ ކަހަލަ ހެދުމެއް ލައިގެން ވަދެގެން އައިތަން ފެނުނު ކަމަށް އޭނާ ބުންޏެވެ. އިރުކޮޅަކުން އެހެން މީހަކު ވެސް ހަމަ އެ ވައްތަރު ހެދުމެއްގައި ވަނެވެ. އެގޮތަށް ގޮސް ހަ މީހުންނަށް އެ ޕާޓީގައި އެއް ވައްތަރުގެ ހެދުމުގައި ތިބެވުނެވެ.

ގާތްގަނޑަކަށް 200 ވަރަކަށް މީހުން ބައިވެރިވި މި ޕާޓީގައި ހަ މީހުން އެއް ވައްތަރެއްގެ ހެދުން ލައިގެން ތިބެވުމުން އެ އެންމެންނަށް ވެސް އެކަން ވަރަށް ބޮޑަށް ފާހަގަވި އެވެ. ނަމަވެސް "އަޖައިބު އިއްތިފާގެއް" ގެ ސަބަބުން ދިމާވި މި ކަންތަކާ ފަހުން އެހާ ބޮޑަށް ނުވިސްނައި ހަމަޖެހިލާފައި އެންމެން އެއްބައިވެގެން ޕާޓީގައި މަޖާކުރީ އެވެ.