އެންޓި ކޮރަޕްޝަން ކޯޓަށް ނަވާޒް ޝަރީފް ހާޒިރުކޮށްފި
އެންޓި ކޮރަޕްޝަން ކޯޓަށް ނަވާޒް ޝަރީފް ހާޒިރުކޮށްފި

އިސްލާމްއާބާދު (ސެޕްޓެމްބަރު 27) - ޕާކިސްތާނުގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މިއަދު ހާޒިރުކޮށްފި އެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) ކޯޓަށް ނަވާޒް ޝަރީފް ހާޒިރުވި އިރު އެމަނިކުފާނުގެ ސަޕޯޓަރުން ކޯޓު ކައިރިއަށް ވަނީ އެއްވެފަ އެވެ. ކޯޓުން ބުނީ ކޮރަޕްޝަނުގެ ތިން ދައުވާ އެއް އަންނަ މަހު 2 ވަނަ ދުވަހު ނަވާޒް ޝަރީފްއާ ދެކޮޅަށް އުފުލާނެ ކަމަށެވެ.

މި މަހު 19 ވަނަ ދުވަހު ވެސް ނަވާޒް ޝަރީފް ކޯޓަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ފަހަރު ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

ނަވާޒް ޝަރީފް މަގާމުގައި ހުންނެވުމުގެ ޝަރުތު ހަމަނުވާ ކަމަށް ޖުލައި މަހު 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކަނޑައެޅީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި އެމަނިކުފާނުގެ އާއިލާގެ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެންނެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން އެޖެންސީ އަށް އަންގައިފަ އެވެ.

އެންއޭބީ އިން މިއަދު ވަނީ ނަވާޒް ޝަރީފުގެ ފިރިހެން ދެ ބޭފުޅުން ކަމަށްވާ ހަސަން އާއި ހުސައިން އަދި ދަރިކަނބަލުން މަރިޔަމް އާއި އެކަމަނާގެ ފިރިކަލުން މުހައްމަދު ސަފްދާރު ހައްޔަރު ކުރުމުގެ އަމުރު ނެރެފަ އެވެ.