މީހަކު މެރުމުގެ ތުހުމަތު ހަރުފަޔަކަށް
މީހަކު މެރުމުގެ ތުހުމަތު ހަރުފަޔަކަށް

އިންގްލެންޑުގައި ހަރުފަ ގެންގުޅޭ މީހަކު އޭނާގެ ކޮޓަރި ތެރޭ މަރުވެފައި އޮއްވައި ފެނުނު އިރު އޭނާ ކައިރީގައި، އޭނާގެ އޮޅު ހަރުފަ އޮތުމުން މަރުގެ ތުހުމަތު ހަރުފަޔަށް ކޮށް ތަހުގީގު ފަށައިފި އެވެ.

ޑެން ބްރެންޑަން މަރުވެފައި އޮއްވައި ފެނުނު އިރު އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ވެސް ހުއްޓެވެ.

ބްރެންޑަން، 31، މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެނުނުއިރު އޮތީ ކޮޓަރި ތެރެއަށް ވެއްޓި، މަރުވެފަ އެވެ. އޮޅުކޮށްގެން ވަރަށް ލޯބިން ގެންގުޅުނު ހަރުފައެއް ކައިރީގައި އޮތެވެ.

ބްރެންޑަން އަކީ އޭނާގެ ކޮޓަރިތެރޭގައި ކޮށި ހަދައިގެން ވަރަށް ބައިވަރު ހަރުފަ ގެންގުޅޭ މީހެކެވެ. ފުލުހުން ބްރެންޑަންގެ ކޮޓަރިއަށް ވަދެ ބެލިއިރު، 25 ފޫޓަށް ދިގުވާ ވައްތަރުގެ ބޮޑު ހަރުފައެއް އޭތި ލާފައި އޮތް ކޮށިން ދޫވެގެން ގޮސް ކައިރިގައި އޮތެވެ.

ފުލުހުން ލަފާ ކުރަނީ ބްރެންޑަންގެ ގައިގައި އެ ހަރުފަ އޮޅާލައި ނޭވާ ހާސް ކޮށްލައިގެން އޭނާ މަރާލީ ކަމަށެވެ. މިކަން މުޅިން ޔަގީންވާނީ ޓޮކްސިކޮލޮޖީ ރިޕޯޓާއި ޕޯސްޓް މޯޓަމް ރިޕޯޓް ލިބުމުން ކަމަށް މި މައްސަލަ ތަހުގީގުކުރާ ފުލުހުން ބުނެފައިވެ އެވެ.

ބްރެންޑަން ގެންގުޅޭ ހަރުފައިގެ ވައްތަރުތައް ވިހައެއް ނުލަ އެވެ. ނަމަވެސް ބިރުވެރިކަމެއް އިހްސާސް ކުރެވިއްޖެ ނަމަ ހަމަލާ ދޭނެ އެވެ. ބްރެންޑަން މަރާލީ ހަރުފަކަން ޔަގީން ކުރެވިއްޖެ ނަމަ ބްރެންޑަން ވާނީ އިނގިރޭސި ވިލާތުގައި މިގޮތަށް މަރުވި ފުރަތަމަ މީހާ އަށެވެ.

ބްރެންޑަން އަކީ ކޮންމެ ދުވަހަކުވެސް އޭނާ ގެންގުޅޭ ހަރުފަތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރާ މީހެކެވެ. މީގެ ތެރޭގައި އޭނާ އޮޅުކޮށްގެން ގެންގުޅޭ ބާމީސް ޕީތަން ކިޔާ ރީނދޫކުލައިގެ ބޮޑު ދިގު ހަރުފަ ހިމެނެ އެވެ.