27 ސެޕްޓެމްބަރ 2017 - 06:11

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ތިން ފިލްމުގެ ތެރެއިން ކްރިޓިކްސް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ޝްރައްދާ ކަޕޫރުގެ "ހަސީނާ ޕާކާ" އަށެވެ. އެ ދުވަހު ރިލީޒްކުރި ސަންޖޭ ދަތުގެ "ބޫމީ" ވެސް އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށް ފާޑުކިޔުންތެރިން ބުނެފައިވެ އެވެ. އެހެންވެ އުންމީދު ވެސް ނުކުރާ ކަހަލަ ގޮތަކަށް ކުރިހޯދާފައި ވަނީ އެ ދުވަހު ރިލީޒްކުރި ތިން ވަނަ ފިލްމު "ނިއުޓަން" އެވެ.
ފާޑުކިއުންތެރިން ބުނަނީ "ނިއުޓަން" ވަރަށް މޮޅުކަމަށެވެ. އެއާ އެކު ފިލްމުބަލަން މީހުން ޝައުގުވެރިވާން ފެށި އެވެ. އަދި ދުވަހެއް ދުވަހަކަށް ފިލްމުގެ ވިޔަފާރި ރަނގަޅުވެގެން ދިޔަ އެވެ.
"ހަސީނާ ޕާކާ" ފާޑުކިޔުންތެރިންނަށް ކަމު ނުދިޔަ ގޮތަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ވެސް ލިބޭ ގޮތެއް ނުވި އެވެ. ހަފުތާ ބަންދު ނިމުނުއިރު ފިލްމަށް ލިބިފައިވަނީ އެންމެ 61 މިލިއަން ރުޕީސް އެވެ. މިއީ މާ ރަނގަޅު އަދަދަކަށް ނުވިޔަސް ފިލްމުގެ ޚަރަދު ފޫބެދި މިހާރު ވަނީ ފައިދާވާން ފަށައިފަ އެވެ.
ފިލްމު އުފެއްދުމަށް ކޮށްފައިވާ ޚަރަދު މިހާ އަވަހަށް ފޫބެދޭގޮތްވީ މިއީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވާތީ އެވެ. ފިލްމަށް ޚަރަދުކުރީ 97 މިލިއަނެއްހާ ރުޕީސް އެވެ. އިޝްތިހާރު ކުރުމާއި އެނޫންވެސް ކަންކަމަށް އިތުރު 60 މިލިއަން ޚަރަދުކުރި އެވެ. އެހެންވެ މި ފިލްމަށް ޚަރަދުވެފައި ވަނީ 157 މިލިއަން ރުޕީސް އެވެ.
މިހާރު ފިލްމުގެ ސެޓެލައިޓް ރައިޓްސް އާއި މިއުޒިކް އަދި ޑިޖިޓަލް ރައިޓްސް ވަނީ 115 މިލިއަން ރުޕީސް އަށް ވިއްކާލައިފަ އެވެ. އެހެންވެ މިހާރު ބޮކްސް އޮފީހުގައި ފިލްމަށް ލިބިފައިވާ ފައިސާ މީގެ ތެރެއަށް އެއްކުރުމުން ފިލްމަށް ޚަރަދު ފޫބެދި ފައިދާވާން ފެށިކަން ޔަގީންވެ އެވެ.
"ހަސީނާ ޕާކާ" އާ ބެހޭ ގޮތުން ފާޑު ކިޔާ މީހުން ބުނަނީ މި ފިލްމުން ގޭންގްސްޓާ ދާއޫދު އިބްރާހިމްގެ އަޑި ނޭނގޭ ދިރިއުޅުމުގެ ސިއްރުތައް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ. އަދި އޭނާގެ ކޮއްކޮ ހަސީނާގެ ހަޔާތުގެ ވެސް މުހިއްމު ބައިތަކެއް ނޭނގޭ ކަމަށް ބުނެފައިވެ އެވެ. ވަރަށް ބާރު ސްޕީޑްގައި ފިލްމުގެ ވާހަކަ ކިޔައިދެމުން ދިޔައިރު ރަނގަޅަށް ވާހަކަ އަކަށް އިންސާފުކޮށްލެވޭ ވަރެއް ވެސް ނުވެ އެވެ. އަދި ވަކި ހިސާބަކުން ފިލްމު ވަރަށް ފޫހި އެއްޗަކަށްވި އެވެ.
"ބޫމީ" އަށް ވެސް ފާޑުކިޔުންތެރިން ބުނެފައިވަނީ މި ކަހަލަ ވާހަކަ ތަކެކެވެ. މިއީ ދަރިފުޅު ރޭޕްކުރާ މީހުންގެ ކިބައިން ބަދަލު ހިފަން ބައްޕައަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމަކަށް ވިޔަސް އެ އަސަރުތައް އެހާ މޮޅަށް ގެނެސްދެވިފައި ނެތް ކަމަށް ކްރިޓިކްސް ބުނެ އެވެ. މި ފިލްމަށް ވެސް ބޮކްސް އޮފީހުގައި ތިން ދުވަހުން ލިބިފައި ވަނީ 67 މިލިއަނެއްހާ ރުޕީސް އެވެ.