26 ސެޕްޓެމްބަރ 2017 - 13:55

ރިޔާޒް (ސެޕްޓެމްބަރު 26) - ސައުދީ އަރަބިއާގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި އަންހެނުން ބައިވެރި ކުރުމުން އެ ގައުމުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
ސައުދީ އަރަބިއާގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ބަޑި ބޭހުގެ ކުޅިވަރުތަކާއި މަގުމަތީ ރެލީތަކާއި ލަވަކިއުމާއި ނެށުމުގެ ހަރަކާތްތަކުގެ އިތުރުން ރިޔާޒުގެ ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކޮންސެޓެއް ބާއްވައިފަ އެވެ. މި ކޮންސެޓް ބަލަން އަންހެނުން ސްޓޭޑިއަމަށް ވަނުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ސައުދީ އަރަބިއާގެ ގައުމީ ދުވަސް 2005 ވަނަ އަހަރުން ފެށިގެން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. މި އަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތައް އިންތިޒާމް ކުރީ އަލަށް އުފެއްދި އެންޓަޓެއިންމެންޓް އޮތޯރިޓީންނެވެ.
ގައުމީ ދުވަހުގެ ހަރަކާތްތަކުގައި އަންހެނުން ބައިވެރި ކުރުމުން އެ ގައުމުގެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައިފަ އެވެ. ބައެއް މީހުން ވަނީ ދީނީ ފުލުހުން ނެރެން ގޮވާލައިފަ އެވެ. އަނެކަކު ވަނީ ލަދެއް، ދީނެއް އަދި ވަންހައެއް ނެތް ކަމަށް ބުނެ ވީޑިއޯއެއް އަޕްލޯޑްކޮށްފަ އެވެ. އެހެން މީހަކު ޓްވީޓް ކުރި ގޮތުގައި ސައުދީގެ ގައުމީ ދުވަހުގެ ކުޅިވަރު ހަރަކާތްތައް ހީވަނީ ބޭރު ގައުމެއްގެ ރަސްމިއްޔާތުހެންނެވެ.
މިއީ ސައުދީ އަރަބިއާގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި އަންހެނުން ބައިވެރިކުރި ފުރަތަމަ ފަހަރެވެ.