27 ސެޕްޓެމްބަރ 2017 - 06:10

ހާޓް އެޓޭކް ޖެހި، ޒުވާނުން މަރުވާ ވާހަކަ އިވުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެ އެވެ. ރާއްޖޭގެ އިތުރުން އަވަށްޓެރި އިންޑިއާގައި ވެސް މިކަމުގެ ކަންބޮޑުވުން މިހާރު އެބަ އޮތެވެ.
މި ރިޕޯޓަކީ އިންޑިއާގައި މި ކަން އޮތް މިންވަރާއި ޒުވާނުންނަށް ހާޓް އެޓޭކް ޖެހެން މެދުވެރިވާ ސަބަބުތަކާ ބެހޭ ގޮތުން އެ ގައުމުގެ ސާ ގަންގާ ރާމް ހޮސްޕިޓަލުގެ ޗެއާމަން، ޑިޕާޓްމަންޓް އޮފް ކާޑިއޮލޮޖީ ޑރ. ޖީޕީއެސް ސޯނީއާ އިންޑިއާ ޓުޑޭ ނޫހުން ކޮށްފައިވާ ސުވާލުތަކަށް އޭނާ ދެއްވާފައިވާ ޖަވާބުތަކެވެ.
މި ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އެހެން އެއްވެސް ނަސްލެއްގެ މީހުންނަށް، ޖުމްލަކޮށް ހާޓް އެޓޭކް ޖެހޭ އުމުރަށް ވުރެ އިންޑިއާ މީހުންނަށް ހާޓް އެޓޭކް ޖެހޭލެއް 8-10 ވަރަކަށް އަހަރު އަވަހެވެ.
ޑރ. ސޯނީ ވިދާޅުވި ގޮތުގައި ހާޓް އެޓޭކަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާން ދިމާވާ މައްސަލަ އެވެ. ހިތުގެ ބަލިތަކުގައި ދުނިޔޭގެ 17 މިލިއަން މީހުން ކޮންމެ އަހަރަކު މަރުވެ އެވެ. އިންޑިއާގައި ވެސް މި ހާލަތު އޮތީ މިފަދަ ގޮތަކަށް ކަމަށާއި ސީވީޑީއެސް (ކާޑިއޯ-ވެސްކިއުލާ ޑިޒީޒަސް) ގެ ތެރޭގައި ހިމެނޭ ހާޓް އެޓޭކާއި ސްޓްރޯކް ޖެހިގެން އިންޑިއާގައި ވެސް އަހަރަކު ތިން މިލިއަން މީހުން މަރުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
އިންޑިއާގައި ހާޓް އެޓޭކް ޖެހޭ 40 ޕަސެންޓް މީހުންނަކީ އުމުރުން 55 އަަހަރުން ދަށުގެ މީހުން ކަމަށާއި މީގެ ތެރެއިން ހާޓް އެޓޭކްގެ އަލާމާތްތަކުގެ ހިމެނޭ، މޭގައި ރިއްސުން ފަދަ ކަންތައްތައް ދިމާވަނީ 50 ޕަސެންޓް މީހުންނަށް ކަމަށް ސޯނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް މީހުންނަށް، ހާޓް އެޓޭކް ޖެހެނީކަން އެނގެނީ ހަމަ ކުއްލިއަކަށެވެ. އަދި ހާޓް އެޓޭކް ޖެހިގެން މަރުވާ 50 ޕަސެންޓް މީހުންނަކީ އެޓޭކް އަންނަ ވަގުތު މަރުވާ މީހުންކަން ފާހަގަކުރެއްވި އެވެ.
ޑރ. ސޯނީ ވިދާޅުވި ގޮތުގައި މިގޮތަށް ޒުވާނުންނަށް ހާޓް އެޓޭކް ޖެހޭ މައިގަނޑު ތިން ސަބަބުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން، އާއިލާގައި މިފަދަ މީހުން ތިބުން، (މައިންބަފައިންގެ ނުވަތަ އެއްބަނޑު އެއްބަފާ ކުދިންނަށް ހަގު އުމުރުގައި ހިތުގެ މައްސަލަތައް ދިމާވެފައި ހުރުން. ހަގު އުމުރު ކަމަށް ބަލަނީ ފިރިހެނުން 55 އަހަރު ނުވަނީސް ހިތުގެ މައްސަަލަތައް ދިމާވުން އަދި އަންހެނުން 65 އަހަރު ނުވަނީސް ހިތުގެ މައްސަލަތައް ދިމާވުމުންނެވެ.) އަދި ހަކުރު ބަލީގެ ސަބަބުންނެވެ.
އާއްމުކޮށް އަންހެނުންނަށް ހިތުގެ ބަލިތައް ޖެހެނީ ފިރިހެނުންނަށް ވުރެ 10 އަހަރު ލަހުންނެވެ. ނަމަވެސް ހަކުރުބަލި ހުންނަ އަންހެނުންނާއި ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުން އަދި އާއިލާގައި ޅަ އުމުރުގައި ހިތުގެ މައްސަލަތައް ދިމާވެފައިވާ މީހުން ތިބި އަންހެނުން އިއްދައިން ކެނޑުމުގެ މަރުހަލާ ނުނިމެނީސް ވެސް ހިތުގެ މައްސަލަތައް ފެށިދާނެ އެވެ.
އުމުރުން ދުވަސް ނުވަނީސް ހިތުގެ މައްސަލަތައް ދިމާވާ މައިގަނޑު އެއް ސަބަބަކީ ފެމިލިއަލް ހައިޕަކޮލެސްޓެރޮލީމިއާ އެވެ. މިއީ އެހާ ފަސޭހައިން އެ ބައްޔެއް ހުރިކަން ދެނެގަނެވިފައި ނެތުމުގެ ސަބަބުން ބޭސް ނުކުރެވި އޮންނަ ބައްޔެކެވެ. ކޮލެސްޓެރޯލްގެ ތެރެއިން ބޭޑް އަދި ގުޑް ކޮލެސްޓްރޯލް ހުރި މިންވަރު (ކެއުމަށްފަހުގައި) ބަލައިގެން މި މައްސަލަ ހުރި ވަރެއް ދެނެގަނެވޭނެ އެވެ. ޒުވާނަކަށް ހާޓް އެޓޭކެއް ޖެހިގެން ޓެސްޓްކުރާއިރު އޭނާގެ އެފްއެޗް މައްސަލަ ހުރި ނަމަ އޭނާގެ އަމިއްލަ ދަރިންނާއި އެއްބަނޑުއެއްބަަފާ ކުދިންގެ ތެރެއިން ދެން ތިބި ކުދިން މި ބައްޔަށް ޓެސްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅިދާނެ އެވެ.
ޖެނެޓިކަލީ ބަލާއިރު ޅަ އުމުރުގައި ހިތުގެ މައްސަލަތައް ދިމާވި މީހާގެ އާއިލާގެ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ މި ޖީން ހުރުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އެހެންކަމުން އެންމެން ޓެސްޓްކޮށް އެމީހެއްގެ ހަށިގަނޑުގައި އެ ޖީން ހުރިތޯ ދެނެގަނެ ދުރާލައި ފަރުވާ ކޮށްގެން ހާޓް އެޓޭކް ނުވަތަ ހިތުގެ މައްސަލަތަކާ ދުރުހެލި ވެވިދާނެ އެވެ. މިފަދަ މީހުންނަށް ވަރަށް ޅަ އުމުރުއްސުރެ ކޮލެސްޓްރޯލް ބޭސް ސްޓެޓިންސް ކާން ދިނުމާއެކު ދިރިއުޅުމަށް ބަދަލު ގެނެސްގެން މައްސަލަ އިތުރަށް ގޯސް ނުވެ ބެލެހެއްޓޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން އަދި ދުންފަތް ކެއުން ފަދަ ގޮތްގޮތަށް ބޭނުންކުރުމަކީ ވެސް ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހެން މެދުވެރިވެދާނެ ކަމެކެވެ. ސަބަބަކީ އެމީހުންގެ ކޮރޮނަރީ އާޓްރީގެ ވޯލްގައި އިންފްލެމޭޝަނެއް އަށަގަތުމެވެ. އަދި އެލްޑީއެލް މަތިވުމާއި ޕްލެޓްލެޓް އެކްޓިވިޓީ އިތުރުވެ އެވެ. މި ބަދަލުތަކުގެ ސަބަބުން ގަނޑުލޭކޮޅު އުފެދި ބްލޮކްވެ ހާޓް އެޓޭކް އަންނަން މެދުވެރިވެ އެވެ.
އަވަހަށް ހިތުގެ މައްސަލަތައް ދިމާވީ ހަކުރުބަލީގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. ހަކުރު މަތިވުމާ ގުޅިގެން ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމުން ފަދަ ކަންތައް ދިމާވެ ހާޓް އެޓޭކް ޖެހެން މެދުވެރިވެ އެވެ. އަދި ހަކުރުބަލީގެ ސަބަބުން، ފަލަ ލޭހޮޅިތަކުގެ ބޭރު ފަށަލަ ދުޅަވެ ލޭކޮޅުކޮޅު ގަނޑުވެގެން ވެސް ހާޓް އެޓޭކް ޖެހެ އެވެ.
އެންމެ މުހިއްމު އެއް ކަމެއް ކަމަށް ޑރ. ސޯނީ ފާހަގަކުރެއްވި ޒުވާން ނަސްލަށް މިހާރު ކުރިމަތިވަމުންދާ ނަފްސާނީ އަދި ޖިސްމާނީ ސްޓްރެސްތަކާ ދުރުވުމެވެ. ވަރަށް ވާދަވެރި އެހާމެ ބުރަކޮށް މަސައްކަތްކުރާ މާހައުލެއްގައި އުޅެން ޖެހުމަކީ ވެސް ސްޓްރެސް މަތިވެ ހަކުރު މައްޗަށް ދިއުމާއި ލޭ މަތިވުން އަދި ހިތުގެ މައްސަލަތައް ދިމާވުން އިތުރުވާ ކަމެކެވެ. މިކަން އިތުރަށް ގޯސްވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިން އަދި ކަސްރަތުކުރާލެއް މަދުވުމާއި ނިދި މަދުވުމުންނެވެ.
ޅައުމުރުގައި ހާޓް އެޓޭކެއް ޖެހިދާނެތީ ބިރު ގަންނަ ނަމަ އެކަމަށް އޮތް ފުރުސަތުތައް މަދުކުރަން މަސައްކަތްކުރަން ޑރ. ސޯނީ އިރުޝާދު ދެއްވި އެވެ. އެއީ ދިރިއުޅޭގޮތަށް ހެޔޮ ބަދަލުތަކެއް ގެނެސްގެންނެވެ. މިހާރު އެއްގޮތަކަށް ވެސް ކަސްރަތު ނުކުރާ މީހެއް ނަަމަ ހިނގުން، ދުވުން، ފެތުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ ކަމެއް ނަމަވެސް ހަފުތާއަކު ފަސް ދުވަހު ކުރުމަކީ މިފަދަ ނުރައްކާތައް 30 ޕަސެންޓް ކުޑަ ކުރެވޭނެ ކަމެކެވެ. ސަަބަބަކީ ކަސްރަތުކުރުމުން ބަރުދަން ލުއިވެ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހައްލުވެ ކޮލެސްޓްރޯލާއި ހަކުރުބަލި ކޮންޓްރޯލް ކުރެވޭނެތީ އެވެ.
ކާ ކެއުމަށް ވެސް ސަމާލުވުން ވަރަށް މުހިއްމު ކަމަށާއި ޖަންކް ފުޑްގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ސަމާލުވުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. ގިނައިން ތަރުކާރީ، މޭވާ، ނަޓްސް، ސޯޔާ ޕްރޮޑަކްޓްސް. ލޯ-ފެޓް ކިރުގެ ބާވަތްތައް ބޭނުންކުރަން ފަށަން އޭނާ ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ކައްކާތެޔޮ އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް އެއްޗެހި ތެލުލަން ބޭނުން ކުރުމަކީ ވެސް ކޮލެސްޓްރޯލް އިތުރުވާ ކަމެއް ކަމަށާއި ވީވަރަކުން ތެޔޮ އެއްޗެހި ކެއުުމާ ދުރުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ވަގުތު މެނޭޖްކުރަން ދަސްކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި ކޮމްޕިއުޓަރު ކައިރީގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ މީހުން ގިނަ ވުމުން އެމީހުންނަށް ހެލިފެލިވެ އުޅެވޭ މިންވަރު މަދުވާނެތީ މިފަދަ މީހުން ގަވާއިދުން ކަސްރަތުކޮށް ނޫޅޭ ނަމަ ހާޓް އެޓޭކް ފަދަ ކަންތައްތައް ދިމާވުމުން އޮންނާނީ ވަރަށް ގާތުގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ދިރިއުޅުމުގެ ވައްޓާފާޅިއަށް ބަދަލުގެެނެސްގެ ވެސް ހާޓް އެޓޭކްގެ ނުރައްކާ ކުޑަ ކުރެވުނަސް ކޮލެސްޓްރޯލް، ހަކުރު އަދި ޕްރެޝަރު ހުރި ވަރު ކޮންމެ މީހަކުވެސް ޗެކް ކުރުމަށްފަހު އެއްވެސް މައްސަލައެއް އުޅޭނަމަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އެކަމަށް ޚާއްސަ ކުރެވިފައިވާ ބޭސް ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.