ކުރުދީންގެ ވޯޓާ ގުޅިގެން އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ: އުރުދުޣާން
ކުރުދީންގެ ވޯޓާ ގުޅިގެން އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ: އުރުދުޣާން

އިސްތަންބޫލް (ސެޕްޓެމްބަރު 26) - އިރާގުގެ ބާރުގެ ދަށުން ވަކިވެ ކުރުދީންގެ ވަކި މިނިވަން ކަމެއް އިއުލާން ކުރަން ފެނޭތޯ ބެލުމަށް ނެތި ވޯޓާ ގުޅިގެން އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފި އެވެ.

އުރުދުޣާން ވިދާޅުވީ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތުރުކީ ސިފައިން މިހާރު ތިބީ އިރާގުގެ ބޯޑަރު ކައިރީގައި ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ކާޑިޝް ރީޖަނަލް ގަވަރްމަންޓް (ކޭއާރުޖީ) ގެ ތެޔޮ އެކްސްޕޯޓް ހުއްޓުވާނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. އިރާގުގެ ކުރުދީން ތެޔޮ އެކްސްޕޯޓް ކުރަނީ ތުރުކީ އާއި ދެކުނުގެ ޗޭހާން ބަނދަރު މެދުވެރިކޮށެވެ.

"މި ހަފުތާ ތެރޭ ވަރަށް ގިނަ ފިޔަވަޅުތައް އަޅާނަން. ތުރުކީގެ ބޯޑަރު ހުރަސްކޮށް އިރާގަށް ދެން އެއްވެސް މުދަލެއް ނުދާނެ. ބޯޑަރު ބަންދު ކުރާނަން،" އިސްތަންބޫލްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ. "ކުރުދީން މިނިވަންވުމަށް ނެގި ވޯޓަކީ ބާތިލް އެއްޗެއް."

ތުރުކީގެ އިތުރުން އިރާގުގެ މަރުކަޒީ ސަރުކާރާއި އީރާނުން ވެސް ވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމާ ދެކޮޅަށް އިންޒާރު ދީފަ އެވެ.

ކުރުދީން މިނިވަންވުމަށް ފެނޭތޯ ބެލުމަށް އިއޔެ ނެގި ވޯޓުގައި އިރާގުގެ ދެކުނުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ފަސް މިލިއަން މީހުން ތިބި ކަމަށްވެ އެވެ. ކުރުދިސްތާން ސަރަހައްދުގައި ނެގި ވޯޓުގައި ގިނަ ބަޔަކު ބައިވެރިވި ކަމަށް ބީބީސީން ބުންޏެވެ.

އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ ކުރުދީންނަށް މިނިވަންކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އެއީ ގާނޫނު ޚިލާފު ކަމެއް ކަމަށެވެ. ނަމަވެސް ކުރުދިސްތާން ސަރަހައްދަށް ނިސްބަތްވާ ރައީސް މައްސޫދު ބަރްޒާނީ ވިދާޅުވީ ބައިނަލްއަގުވާމީ މުޖްތަމައު ވެސް ދެފުށްދެގޮތް ކަމަށެވެ.

ކުރުދީންނަކީ މެދުއިރުމަތީގައި ހަތަރު ވަނަ އަށް އެންމެ ބޮޑު ނަސްލުގެ މީހުންނެވެ. އެކަމަކު އެ މީހުންނަށް ވަކި ގައުމެއް ލިބިގެންނެއް ނުވެ އެވެ. އިރާގުގެ 37 މިލިއަން މީހުންގެ އާބާދީގައި ކުރުދީންގެ ނިސްބަތަކީ 15-20 ޕަސެންޓެވެ.