26 ސެޕްޓެމްބަރ 2017 - 12:10

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ޝާފިއުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ކުރަން މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާފިއުއަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކޮށް، ދައުވާ އުފުލާފައިވަނީ އެ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލައިގައި ޝާފިއުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، އެ މައްސަލަ އަނބުރާ ފުލުސް އޮފީހަށް ފޮނުވާލާފައިވާ ކަމަށް، ފާރިސްގެ ޝަރީއަތުގައި ދައުލަތުން އިއްޔެ ވަނީ ބުނެފަ އެވެ. އެގޮތަށް ނިންމީ ލިބިފައިވާ ހެކިތަކަށް ބިނާކޮށް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
ދައުލަތުން އެގޮތަށް ބުނުމުން ފާރިސްގެ ވަކީލުން ވަނީ އެއް ކަމަކާ ގުޅޭ މައްސަލައެއްގައި ޝާފިއު އަށް ދައުވާ ނުކޮށް، ފާރިސް އަށް ދައުވާ ކުރާތީ އެކަމާ ސުވާލު އުފައްދައިފަ އެވެ. ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ތަހުގީގު މަރުހަލާގައި ފާރިސްއާ ދެކޮޅަށް ބޭނުންކުރި ހެކިތައް ދައުލަތުން މިހާރު ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އެކަމަކު ދައުލަތުން ބުނެފައިވަނީ ފާރިސްއާ ދެކޮޅަށް ހެކި އެބަހުރި ކަމަށެވެ. ފާރިސްއާ ދެކޮޅަށް ނުވަ ހެއްކެއް ހުށަހަޅާފައިވާ އިރު ޝާފިއުގެ ފޯން ކޯލް ރިކޯޑިންއަކާއި ޝާފިއުގެ ފޯނުން ފެނުނު މެސެޖްތަކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި ޝާފިއު ހައްޔަރު ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު ހައި ކޯޓުން ވެސް ނިންމާފައިވަނީ ޝާފިއު ދޫކޮށްލީ ރަނގަޅަށް ކަމަށެވެ.
މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، އިއްޔެ ވަނީ ޝަރީއަތް ފަށައިފަ އެވެ. އެ ދައުވާ ކުރި އަށް ގެންދެވޭނެ ކަމަށް ކޯޓުން ނިންމާފައި ވާ އިރު ފާރިސް މި ވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ވެސް ކޯޓުން ވަނީ ނިންމައިފަ އެވެ.