އެމެރިކާ އިން ހަނގުރާމަ އިއުލާންކޮށްފައިވާ ކަމަށް ނޯތު ކޮރެއާ އިން ތުހުމަތުކޮށްފި
އެމެރިކާ އިން ހަނގުރާމަ އިއުލާންކޮށްފައިވާ ކަމަށް ނޯތު ކޮރެއާ އިން ތުހުމަތުކޮށްފި

ޕިއޮންޔޮން (ސެޕްޓެމްބަރު 26) - ނޯތު ކޮރެއާއާ ދެކޮޅަށް އެމެރިކާ އިން ވަނީ ހަނގުރާމަ އިއުލާންކޮށްފައިވާ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ރި ޔޮން-ހޯ ތުހުމަތު ކުރައްވައިފި އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ބޮން އަޅާ ބޯޓުތައް ވައްޓާލުުމުގެ ހައްގު ނޯތު ކޮރެއާ އަށް އޮންނާނެ ކަމަށެވެ. އަދި އެއީ ނޯތު ކޮރެއާގެ ވައިގެ ސަރަހައްދުގެ ތެރޭން ނޫން ނަމަވެސް އެމެރިކާގެ ބޯޓުތައް ވައްޓާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ރީ ޖޮން-ހޯ އަށް ރައްދު ދިނުމުގެ ގޮތުން ވައިޓް ހައުސް އިން ބުނެފައި ވަނީ އެއީ "މޮޔަ" ވާހަކަތަކެއް ކަމަށެވެ. އަދި ޕެންޓަގަނުން ވަނީ "އުނދަގޫ ކުރާ ޒާތުގެ ކަންކަން" ހުއްޓާލުމަށް ނޯތު ކޮރެއާ އަށް އިންޒާރު ދީފަ އެވެ.

ރީ ޔޮން-ހޯ ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާ އިން ނަފުރަތު އުފެދޭ ކަންކަން ކުރާ ނަމަ އެ ގައުމުގެ ލީޑަޝިޕް މާގިނަ ދުވަހަކު ނޯންނާނެ ކަމަށެވެ.

"ނޯތު ކޮރެއާއާ ދެކޮޅަށް ފުރަތަމަ ހަނގުރާމަ އިއުލާންކުރީ އެމެރިކާކަން ދުނިޔެ އަށް އެނގޭނެ. އެމެރިކާ އިން ހަނގުރާމަ އިއުލާން ކުރުމާ އެކު އެ ގައުމުގެ ހަނގުރާމަ މަތީ ބޯޓުތައް ވައްޓާލުމަކީ ނޯތު ކޮރެއާ އަށް ލިބިގެންވާ ހައްގެއް،" ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރީ ވިދާޅުވި އެވެ.

ރީ މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމެރިކާގެ ބޮން އަޅާ ބޯޓުތައް ވަނީ ނޯތު ކޮރެއާ މަތިން އުދުހިފަ އެވެ.