26 ސެޕްޓެމްބަރ 2017 - 09:13

ބޫޓާނުގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗުން އިއްޔެ އިންޑިއާ އަތުން ހަނި ގޮތަކަށް 2-1 އިން ބަލިވެއްޖެ އެވެ.
މި މެޗުގެ 17 ވަނަ މިނެޓުގައި އަހުމަދު ތޮލާލް ވަނީ ރާއްޖެ އަށް ކުރި ހޯދައިދީފަ އެވެ. އިންޑިއާ އިން އެއްވަރުކުރީ 35 ވަނަ މިނެޓުގައި ރެބެޔޯ ޕްރިންސެޓޮންގެ ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ކުރި ހޯދައިދިނީ ހަލްޑާ އަބީޝެކެވެ.
ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ރާއްޖެ ދިޔައީ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުލަށެވެ. ފުރަތަމަ މެޗުން ބޫޓާން އަތުން 1-0 އިން ބަލިވިއިރު ދެ ވަނަ މެޗުން ބަންގްލަދޭޝް އަތުން ބަލިވީ 2-0 އިންނެވެ. އަދި ތިން ވަނަ މެޗުން ނޭޕާލް އަތުން ވެސް ބަލިވީ ހަމަ އެ ނަތީޖާ އިންނެވެ.
އަނެއް ހަތަރު ޓީމުގެ ތެރެއިން ކޮންމެ ޓީމެއް ވެސް ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ވަނީ ހޯދައިފަ އެވެ. މުބާރުގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ކަށަވަރުވާނީ މާދަމާ ބޫޓާނާއި ބަންގްލަދޭޝް އަދި ނޭޕާލާއި އިންޑިއާ ކުޅޭ މެޗުތަކަށް ފަހު އެވެ.
އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމު ވަނީ ފަހު މެޗުން އިއްޔެ ސީރިއާ އަތުން 6-0 އިން ބަލިވެފަ އެވެ. ފުރަތަމަ މެޗުން އޮމާން އަތުން 8-0 އިން ބަލިވިއިރު ދެ ވަނަ މެޗުން ތަޖިކިސްތާން އަތުން ބަލިވީ 14-0 އިންނެވެ.