26 ސެޕްޓެމްބަރ 2017 - 08:52

ލަންޑަން (ސެޕްޓެމްބަރު 26) – ވެސްޓް ބްރޮމްވިޗް އަތުން 2-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލުން މި ސީޒަނުގައި ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު އާސެނަލް ވަނީ 10 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތް ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި 16 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީއާ އެ ޓީމާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ރޭގެ މެޗުގައި އާސެނަލްގެ ދެ ލަނޑު ވެސް ޖަހައިދިނީ މި ސީޒަނުގައި ގުޅުނު ފްރާންސް ފޯވާޑް އަލެކްސެންޑާ ލަކަޒޭޓެވެ. ފުރަތަމަ ގޯލް 20 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު 67 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ވެސްޓް ބްރޮމް އިން ވަރަށް ޕްރެޝަރު ކުރި ކަމަށާއި ހާއްސަކޮށް ފުރަތަމަ ހާފުގައި ކަމަށެވެ. އެކަމަކު ދެ ވަނަ ހާފުގައި އާސެނަލުން މެޗު ކޮންޓްރޯލްކޮށް އެއްވެސް ފުރުސަތެއް ނުދީ ކުޅުނުކަން ފާހަގަވި ކަމަށް ވެންގާ ބުންޏެވެ.
އާސެނަލަށް ދެން އޮތީ ޔުރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ބެލަރޫސްގެ ބޭޓް ބޮރިސޯފާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ.
ރޭގެ މެޗުގައި ވެސްޓް ބްރޮމްގެ މިޑްފީލްޑަރު ގަރެތު ބެރީ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. އޭނާ 633 މެޗު ކުޅެފައިވާއިރު ކުރިން މި ރެކޯޑް އޮތީ 632 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑުގެ ރަޔަން ގިގްސް އަތުގަ އެވެ.