ޕްރިންސް ހެރީ ފުރަތަމަ ފަހަރަށް ލޯބިވެރިޔާއާ އެކު އާއްމުންގެ ތެރެއަށް
ޕްރިންސް ހެރީ ފުރަތަމަ ފަހަރަށް ލޯބިވެރިޔާއާ އެކު އާއްމުންގެ ތެރެއަށް

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ފުރަތަމަ ފަހަރަށް ލޯބިވެރިޔާ މޭގަން މާކްލްއާ އެކު ރަސްމީކޮށް އާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފި އެވެ.

ޕްރިންސް ހެރީ ފުރަތަމަ ފަހަރަށް ލޯބިވެރިޔާއާ އެކު އާއްމުންގެ ތެރެއަށް
ޕްރިންސް ހެރީ ފުރަތަމަ ފަހަރަށް ލޯބިވެރިޔާއާ އެކު އާއްމުންގެ ތެރެއަށް

ގާނޫނީ ޑްރާމާ "ސޫޓްސް" އިން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެމެރިކާގެ އެކްޓްރެސް މާކްލްއާ އެކު ހެރީ ވަނީ ކެނެޑާގެ ޓޮރޮންޓޯގައި ކުރިއަށްދާ އިންވިކްޓަސް ގޭމްސްގެ، ވީލްޗެއާ ޓެނިސް މެޗެއް ބައްލަވައިލައްވައިފަ އެވެ.

ގުޅިގެންތާ އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ދެ ލޯބިވެރިން އަތާއި އަތް ޖޯޑުކޮށްގެން އެ ތަނަށް ދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. ހިލޭ ވަދެވޭ ގޮތަށް ކުޅުނު އެ މެޗު ބަލަން 200-300 ވަރަކަށް މީހުން ދިޔަ އެވެ.

އަނިޔާ ލިބިފައިވާ ސިފައިންގެ މީހުންނަށް ހެރީ ކުރިއަށް ގެންދަވާ ކުޅިވަރު މުބާރާތް އިންވިކްޓަސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް މާކްލް ބައިވެރިވި އެވެ. އެކަމަކު އޭނާ އެ ތަނުގައި އިނީ ހެރީއާ ވަކިންނެވެ.

ހެރީ އާއި މާކްލް އެކުގައި އާއްމުންގެ ތެރެއަށް ނުކުތުމުން، ދެ މީހުން ކައިވެނިކުރަން އުޅޭ ކަމަށް އާއްމުންގެ ތެރޭގައި ވާހަކަދައްކަން ފަށާނެ ކަމަށް ބެލެވެ އެވެ.

އިނގިރޭސި ތަޚުތަށް އައުމުގެ ކިޔުގައި ދެވަނަ އަށް ހުންނެވި ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަދި ކޮއްކޮ ހެރީއަކީ އިނގިރޭސި ނޫސްތަކާއި ގޮސިޕް މެގަޒިންތަކުގެ ޝައުގުވެރިކަން ބޮޑު ތިން ބޭފުޅުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ހެރީ ވަނީ މާކްލް އަށް "ގޯނާކޮށް ފުރައްސާރަކުރާ" ކަމުގެ ތުހުމަތު މީޑިއާ އަށް ކުރައްވައިފަ އެވެ. ހެރީއާ ގުޅިގެން އުޅޭކަން މީޑިއާ އަށް ތިލަވުމާ ވިދިގެން 36 އަހަރުގެ މާކްލްއާ ބެހޭގޮތުން ވަރަށް ގިނަ އެއްޗެހި އިނގިރޭސި ނޫސްތަކުގައި ލިޔެފައިވެ އެވެ. އޭގެ ތެރޭގައި، ނަސްލީގޮތުން އޭނާއާ ދިމާކުރާ ޒާތުގެ ޚިޔާލުތައް ލިޔެފައި ހުރި ކަމަށް ވެސް ހެރީ ވަނީ ވިދާޅުވެފަ އެވެ.

ކުރިން މީހަކާ އިނދެ ވަރިވެފައިވާ މާކްލްއަކީ ލޮސް އެންޖެލިސް އަށް އުފަން މީހެކެވެ. އޭނާގެ ބައްޕައަކީ ދޮން މީހެކެވެ. މަންމައަކީ އެފްރިކާ ދަރިކޮޅުގެ ކަޅު މީހެކެވެ.

ހެރީއާ އޮންނަ ގުޅުމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަމުން މި މަހު ކުރީކޮޅު މާކްލް ވެނިޓީ ފެއާ މަޖައްލާ އަށް ބުނިގޮތުގައި އެ ދެ މީހުންނަށް ވަނީ އެކަކު އަނެކަކު ދެކެ ލޯބިވެވިފަ އެވެ.

-ރޮއިޓާސް