މިއީ ޑޯޓްމަންޑާ ކުޅެން ފަސޭހަ ވަގުތެއް ނޫން: ޒިދާން
މިއީ ޑޯޓްމަންޑާ ކުޅެން ފަސޭހަ ވަގުތެއް ނޫން: ޒިދާން

ބާލިން، ޖާމަނީ (ސެޕްޓެމްބަރު 26) - މިއީ ރެއާލް މެޑްރިޑް އެންމެ ރަނގަޅު ފޯމެއްގައި އޮތް ދަނޑިވަޅެއް ނޫން ކަމަށް ވުމުން މިރޭ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެެރެއިން މޮޅުވެފައި ވަނީ ތިން މެޗުންނެވެ. ދެ މެޗުން އެއްވަރުވިއިރު، ބަލިވީ އެއް މެޗުންނެވެ. ރެއާލް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ފަސް ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ރެއާލް ވަނީ 3-0 އިން އަޕޮއެލް އަތުން މޮޅުވެފަ އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރެއާލާއި ޑޯޓްމަންޑް ޖެހިޖެހިގެން އެއް ގްރޫޕަކަށް ލައްވާލި ދެ ވަނަ އަހަރެވެ. މިދިޔަ އަހަރު ޑޯޓްމަންޑް ވަނީ ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ނަމަވެސް ކުއާޓާ ފައިނަލުން އެ ޓީމު ކެޓިއިރު ރެއާލަކީ ޗެމްޕިއަނުންނެވެ.

"މިއީ އަހަރެމެންނަށް އެންމެ ރަނގަޅު ވަގުތެއް ނޫން ޑޯޓްމަންޑާ ކުޅެން. އެކަމަކު ޔޫރަޕްގައި ކުޅޭ މެޗަކަށް ވުމުން ކުޅުންތެރިން ސަމާލުކަންދޭ މިންވަރު ދެ ގުނަ ވާނެ. ރެއާލަކީ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ނަތީޖާ ނެރޭނެ ޓީމެއްކަން މީގެ ކުރިން ވާނީ ސާބިތުކޮށްދީފައި،" ޒިދާން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ޑޯޓްމަންޑް ކުޅުނު ފުރަތަމަ މެޗުން ވަނީ ރަށުން ބޭރުގައި ޓޮޓެންހަމް އަތުން 3-1 އިން ބަލިވެފަ އެވެ.

މިދިޔަ އަހަރު ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލާ 2-2 އިން އެއްވަރުވި އެވެ. ރަށުން ބޭރު ރެއާލުގެ ރެކޯޑް އެންމެ ދަށީ ޖަރުމަނުގެ ކްލަބްތަކާ ދެކޮޅަށެވެ.

ޑޯޓްމަންޑަށް ކުޅޭ ޖަރުމަނު ގައުމީ ޓީމުގެ މިޑްފީލްޑަރު މާރިއޯ ގޮޓްޒާ ބުނީ ސަޕޯޓަރުންގެ އެހީގައި ރެއާލްގެ މައްޗަށް ކުރި ހޯދިދާނެ ކަމަށާއި ޑޯޓްމަންޑް އޮތީ މި މެޗަށް ވަރަށް ފުރިހަމަ އަށް ތައްުޔާރުވެގެން ކަމަށެވެ.

މިރޭގެ މެޗަކީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭ 150 ވަނަ މެޗެވެ.

އަނިޔާގެ ސަބަބުން ރެއާލުގެ ދެ ވާތު ބެކުން ކަމަށްވާ މާސެލޯ އާއި ތިއޯ ހެނާންޑޭޒަށް މިރޭގެ މެޗުގައި ނުކުޅެ އެވެ. އެ މަގާމަށް ކުޅޭނެ ކަމަށް ބެލެވެނީ ނަޗޯ އެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ ޓޮނީ ކްރޫސް މިރޭ ދަނޑަށް ނުކުންނާނެ އެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.