25 ސެޕްޓެމްބަރ 2017 - 17:15

ރަކީން ސްޓޭޓް (ސެޕްޓެމްބަރު 25) - މިއަންމާގެ ރަކީން ސްޓޭޓުގައި ހިންދޫންގެ ބަޔަކު މަރާފައި، ވަޅުލާފައިވާ ކަށްވަޅެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ސިފައިން ބުނީ ރަކީންގެ ދެ ކަށްވަޅަކުން 20 އަންހެނަކާއި އަށް ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. މިއަންމާ ސިފައިން ތުހުމަތު ކުރާ ގޮތުގައި ހިންދޫން މަރާފައި ވަނީ ރޮހިންޖާ މުސްލިމުންނެވެ. މިއަންމާ ސަރުކާރުގެ އިންފޮމޭޝަން ކޮމިޓީގެ ފޭސްބުކް ޕޭޖުގައި ވަނީ ކަށްވަޅުގެ ފޮޓޯތައް ޖަހައިފަ އެވެ.
ރަކީން ސްޓޭޓުގައި މިދިޔަ މަހު 25 ވަނަ ދުވަހުން ފެށިގެން ވަނީ ހަމަނުޖެހުން ހިންގަން ފަށައިފަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވެގެން އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ވަދެފައިވާ ރެފިއުޖީންގެ އަދަދު ވަނީ 436،000 އަށް އަރައިފަ އެވެ. މުސްލިމުންނާ އެކު ހިންދޫން ވެސް ބަންގްލަދޭޝް އެތެރެވެފައިވާ ކަމަށް ރިޕޯޓަރުން ބުނެ އެވެ. ރަކީންގައި ރޮހިންޖާ މުސްލިމުންނަށް ހަމަލާ ދޭކަމަށް ބުނާ ވާހަކަތައް މިއަންމާ ސިފައިން ދޮގު ކުރެ އެވެ. އެ މީހުން ބުނެފައި ވަނީ ރަކީންގައި ހަމަލާ ދޭން ފަށާފައި ވަނީ އަރާކާން ސެލްވޭޝަން ރޮހިންޖާ އާމީ (އަރްސާ) ގެ ހަނގުރާމަވެރިން ކަމަށެވެ. އަދި ރަކީންގެ ހަމަނުޖެހުންތަކުގައި ބުޑިސްޓުންނާއި ހިންދޫން ވެސް ހާލުގައި ޖެހިފައިވާ ކަމަށް މިއަންމާ ސިފައިން ބުނެ އެވެ.