26 ސެޕްޓެމްބަރ 2017 - 08:54

މެންޗެސްޓާ (ސެޕްޓެމްބަރު 26 ) – މެންޗެސްޓާ ޔުނައިޓެޑުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދިގު މުއްދަތަކަށް އެ ޓީމުގައި ބަހައްޓަން ބޮޑު މުސާރައާ އެކު އާ އެއްބަސްވުމެއް ހުށަހަޅަން އެ ކްލަބުން ތައްޔާރުވެއްޖެ އެވެ.
އުމުރުން 26 އަހަރުގެ ޑެހެއާ ހޯދަން ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް ރެއާލް މެޑްރިޑުން މަސައްކަތް ކުރެ އެވެ. ޑެހެއާ ގެންދަން ސްޕެއިނުގެ ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނައިރު 2015 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ އެ ޓީމަށް ބަދަލުނުވީ ކިރިޔާ އެވެ.
އެ ފަހަރު ލިޔެކިޔުންތަކެއް ބަދަލުކުރުމުގައި ދިމާވި މައްސަލަތަކާ ހެދި އޭނާ އަށް ކްލަބް ބަދަލުނުކުރެވުނުއިރު ފަހުން އޭނާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ރެއާލުން ޑެހެއާ ހޯދަން އަނެއްކާ ވެސް މަސައްކަތް ފަށާނެ އެވެ. އަދި އަންނަ އަހަރު ވޯލްޑް ކަޕްގެ ކުރިން ޑެހެއާ އެ ޓީމާ ގުޅޭނެ ކަމަށް ވެސް ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސްއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޔުނައިޓެޑުން ޑެހެއާ އަށް އާ އެއްބަސްވުން ހުށަހަޅާނެ އެވެ. އަދި ހުށަހަޅާނީ ހަފްތާ އެކު އޭނާ އަށް 350،000 ޕައުންޑް ލިބޭ ގޮތަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު އެންޑަ ހެރޭރާ ބުނީ ޔުނައިޓެޑުގައި ޑެހެއާ ބަހައްޓަން ބޭނުންނަމަ ޔުނައިޓެޑުން ކޮންމެ ސީޒަނެއްގައި ކާމިޔާބު ހޯދަން ޖެހޭނެ ކަމަށެވެ.
އެތުލެޓިކޯ މެޑްރިޑް ދޫކޮށް ޑެހެއާ ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ތަޖުރިބާކާރު އެޑްވިން ވަންޑަސާ ރިޓަޔަކުރި ފަހުން އޭނާ ނެތްތަން ފޫބައްދަން ފުރަތަމަ ސީޒަނުގައި ޑެހެއާ އަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ސީޒަނަކަށް ފަހު ސީޒަނެއް ރަނގަޅު ކުރަމުން އައިސް ފާއިތުވި ތިން ވަރަކަށް އަހަރު ޑެހެއާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.