25 ސެޕްޓެމްބަރ 2017 - 15:51

ދުބާއީ (ސެޕްޓެމްބަރު 25) - ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށް އެއް ދުވަސްވަރެއްގައި ބެލި މިސްރުގެ އީމާން އަހުމަދަށް ޔޫއޭއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިންޑިއާގެ މުމްބާއީގައި ފަރުވާ ދިނުމަށް ފަހު އޭނާގެ އާއިލާ އާއި ހޮސްޕިޓަލާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދި އެންމެ ފަހުން އޭނާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ގެންދިޔައީ މި އަހަރުގެ މެއި މަހު އެވެ.
މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި އިރު ބަރުދަނުގައި 500 ކިލޯ (1،102 ރާތާ) ހުރި ކަމަށް ބުނާ އީމާންގެ ބަރުދަނުން 300 ކިލޯ (660 ރާތާ) ލުއިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އޭނާ މަރުވީ ސިއްހީ އެހެން މައްސަތަކެއް ދިމާވެގެން ކަމަށްވެ އެވެ. އީމާނަށް ފަރުވާ ދިން އަބޫ ދާބީގެ ބުރްޖީލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 37 އަހަރުގެ އީމާނަށް ހިތުގެ މައްސަލަ ދިމާވެ ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ.
އީމާން ޔޫއޭއީ އަށް ގެންދިޔައީ މުމްބާއީ ހޮސްޕިޓަލުން ދޭ ފަރުވާއާ މެދު އާއިލާ އިން ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައި ވަނިކޮށެވެ. އީމާންގެ ބަރުދަން ދެބައިކުޅަ އެއްބަޔަށް ލުއި ކުރެވިފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އީމާންގެ ކޮއްކޮ ޝައިމާ ސާލިމް ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހޮސްޕިޓަލުން ހަދަނީ ދޮގު ކަމަށެވެ.
ފަރުވާ ދިނުމަށް އިމާން މުމްބާއީ އަށް ފެބްރުއަރީ 11 ވަނަ ދުވަހު ގެންދިޔައީ އެއާބަސްގެ ޚާއްސަ މަތިންދާ ބޯޓެއްގަ އެވެ. އޭނާ އިންޑިއާ އަށް ގެންދިޔައީ ކޮއްކޮ ސޯޝަލް މީޑިއާގައި ހިންގި ކެމްޕޭނަކަށް ފަހު އެވެ.
އީމާންގެ އާއިލާ އިން ބުނީ އޭނާ ވިހޭއިރު ވެސް ބަރުދަނުގައި ފަސް ކިލޯ ހުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން އާދަޔާޚިލާފަށް އަވަހަށް އިތުރުވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ގެއިން ނުނިކުންނަތާ ވެސް 25 އަހަރުވެއްޖެ އެވެ.