ފާރިސް މިނިވަންކޮށެއް ނުދިން
ފާރިސް މިނިވަންކޮށެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލާގައި އޭނާ ބަންދުން މިނިވަންކޮށް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން ފާރިސް އަށް ކުރާ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ގާޒީ އެގޮތަށް ނިންމެވީ ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮންނަ ގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ޖެހޭތީ އެވެ.

ނަމަވެސް ގާޒީ ނިންމެވީ ފާރިސް ބަންދުން ދޫކުރެވެން ނެތް ކަމަށާއި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ފާރިސްއާ ދެކޮޅަށް ނުވަ މީހަކު ސިއްރު ހެކިންގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ފާރިސް މިނިވަން ކޮށްދެވެން ނެތް ކަމަށް ނިންމީ އޭނާ ހުރީ ގާނޫނާ ޚިލާފް ބަންދެއްގައި ކަމަށް ބުނެ، އޭނާ މިނިވަން ކޮށްދޭން ދިފާއީ ވަކީލުން އެދިވަޑައިގަތުމުންނެވެ. ވަކީލުން އެގޮތަށް އެދުނީ ފާރިސްއާ އެއް މައްސަލައެއްގައި ހައްޔަރުކުރި އަހުމަދު ޝާފިއު ދޫކޮށްލަން ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއް ކަމަށް ބަލައިގެން ކަމަށާއި އެކަމަކު ހައި ކޯޓުގެ ހުކުމުގައި، ރިޝްވަތަކީ ބޮޑު ކުށެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކުދި ކުށްތަކުގައި އެންމެ ގިނަވެގެން ވެސް ބަންދު ކުރެވޭނީ 15 ދުވަހަށް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ ފާރިސް ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެކަމާ މެދު ގޮތެއް ނިންމަވަމުން ގާޒީ އާދަމް ވިދާޅުވީ ޝާފިއު ދޫކޮށްލަން ތާއީދު ކުރުމުގައި ހައި ކޯޓުން ރިއާޔަތް ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ނެތުން ފަދަ ކަންކަމުގެ މައްޗަށް ކަމަށެވެ. އެކަމަކު ފާރިސްއާ ދެކޮޅަށް ތުހުމަތު އުފެދޭ މިންވަރުގެ ހެކި އެބަހުރި ކަމަށާއި އަދި އެ މައްސަލާގައި ސިއްރު ހެކިވެރިން ހުށަހަޅާފައި ހުރުމުން، ފާރިސް މިވަގުތު ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސަށް ދައުވާ އުފުލުމަށް ފަހު، އެ ދައުވާ ދައުލަތުން ފަހުން އިސްލާހު ކޮށްފައިވާތީ އެކަން ފާރިސްގެ ވަކީލުން ފާހަގަކޮށް، ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އިޖްރާއީ ނުކުތާ ނެގި އެވެ. ފުރަތަމަ ފާރިސް އަށް ދައުވާ އުފުލިއިރު ހަވާލާދީފައި އޮތީ ރިޝްވަތު ހިފުމުގެ ކުށް ބަޔާންކުރާ މާއްދާއަށެވެ. އެކަމަކު ފަހުން ވަނީ ރިޝްވަތު ދިނުމަށް އޮންނަ މާއްދާއަށް ބަދަލުކޮށްފަ އެވެ.

އެ މައްސަލަ ފާރިސްގެ ވަކީލުން ނެންގެވުމުން ދައުލަތުން ބުނީ ރިޝްވަތު ހިފުމަށް އޮތް މާއްދާއާ ކުރިން ހަވާލާ ދެވިފައި އޮތީ ލިޔުމުގެ ކުށަކުން ކަމަށާއި އެ ބައި އިސްލާހުކުރީ ގާނޫނުގައި ބުނާގޮތުގެ މަތިން ކަމަށެވެ.

ގާޒީ އާދަމް ވެސް ނިންމެވީ އެ ދައުވާ އިސްލާހުކުރީ ރަނގަޅަށް ކަމަށެވެ. ސަބަބެއްްގެ ގޮތުގައި ގާޒީ ވިދާޅުވީ ނުބައި މާއްދާއަކާ ކުރިން ހަވާލާ ދެވިފައި އޮތްއިރު ވެސް ފާރިސް އަށް ތުހުމަތު ކުރާ ކުށުގެ ގޮތުގައި އޭރު ވެސް އޮތީ ރިޝްވަތު ހިފުން ކަމަށް ވުމެވެ. ހަވާލާދޭ މާއްދާ ފަހުން ބަދަލު ކުރުމަކީ މުޅި ދައުވާ ބަދަލު ކުރުން ކަމަށް ނުބެލެވޭނެ ކަމަށާއި އެ އިސްލާހު ގެނައީ ވެސް ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކަމަށް ގާޒީ ނިންމެވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށް ފަހު އެވެ. އެކަމަށް އޮންނަ އަޑުއެހުން އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާނެ އެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް އޭނާއަށް ގެއްލޭނެ އެވެ.