ގައިގޯޅި މަންޒަރުތައް ނުކުޅެން އައިޝްވަރިޔާ ނިންމީތަ؟
ގައިގޯޅި މަންޒަރުތައް ނުކުޅެން އައިޝްވަރިޔާ ނިންމީތަ؟

އައިޝްވަރިޔާ ރާއީ އަލަށް ކުޅެން ސޮއިކުރި "ފެނީ ޚާން"ގައި އެއްވެސް ގައިގޯޅި މަންޒަރެއް ނުކުޅެން އައިޝްވަރިޔާ ނިންމައި އެކަން ފިލްމު އުފައްދާ ފަރާތަށް އަންގާފައިވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެ އެވެ.

އަނިލް ކަޕޫރާއި ރާޖްކުމާރު ރާއޯ ބަތަލުގެ ބައި ކުޅޭއިރު މި ފިލްމުގައި ކުރިން ހަމަޖެހިފައިވާ ގޮތުން، ގައިގޯޅި މަންޒަރުތަކެއް ހިމެނެ އެވެ. ނަމަވެސް ފިލްމު ކުޅެން ސޮއިކުރިއިރު އައިޝްވަރިޔާ ވަނީ ގައިގޯޅި މަންޒަރެއް ނުކުޅޭނެކަމަށް ބުނެ، ކޮންޓްރެކްޓަށް ބައެއް އިތުރުކޮށްފައި ކަމަށްވެ އެވެ.

އައިޝްވަރިޔާގެ އެންމެ ފަހުގެ ފިލްމު "އޭ ދިލް ހެ މުޝްކިލް"ގައި ރަންބީރު ކަޕޫރާއެކު ގައިގޯޅި މަންޒަރުތަކެއް ކުޅުމުގެ ސަބަބުން ފިރިމީހާ އަބީޝެކް ބައްޗަންގެ މަންމަ ޖާޔާ ބައްޗަން އައިޝްވަރިޔާ ދެކެ ވަރަށް ރުޅި އައި ކަމަށް އަޑު ފެތުރުނެވެ. އަދި ބަފައިބެ އަމީތާބު ބައްޗަން ވެސް ހިތްހަމަނުޖެހިގެން އުޅުނު ކަމަށްވެ އެވެ.

މިހާރު ފަށަން އުޅޭ ފިލްމާ ބެހޭ މައުލޫމާތު އެނގޭ މީހަކު ޓައިމްސް އޮފް އިންޑިއާ އަށް ކިޔައިދީފައިވާ ގޮތުގައި އައިޝްވަރިޔާ އަކީ އޭނާ ކުޅޭ ފިލްމުތަކުގެ ކޮންމެ މަންޒަރެއް ވެސް ވަރަށް ފުރިހަމައަށް ހުންނަން ބާރު އަޅާ އެކްޓަރެކެވެ. "ފެނީ ޚާން"ގެ މަންޒަރުތައް ވެސް ފުރިހަމައަށް ނަގަން ބޭނުންވާ ކަމަށާއި ނަމަވެސް ގައިގޯޅި މަންޒަރުތައް ނުކުޅެވޭނެ ކަމަށް އައިޝްވަރިޔާ ބުނެފައިވާ ކަމަށް، ނޫހާ ވާހަކަ ދެއްކި މިހާ ބުންޏެވެ.

އައިޝްވަރިޔާ "އޭ ދިލް ހެ މުޝްކިލް"ގައި ރަންބީރާ އެކު ކުޅުނު ގައިގޯޅި މަންޒަރުތަކާ ބެހޭ ގޮތުން ދާދި ފަހުން ވެސް ނޫސްވެރިއަކު ވަނީ ޖާޔާ ބައްޗަންއާ ސުވާލު ކޮށްފަ އެވެ. ޖާޔާ ބުނީ ކުރިން ފިލްމު އުފައްދާ މީހުން ހުށަހަޅައިދެނީ އާޓް ކަމަށާއި މިހާރު ފިލްމު އުފެއްދުން ވެސް ބޮޑު ވިޔަފާރިއަކަށްވެ ކޮންމެ މީހަކު ބޮޑު ފައިދާގަނޑެއް ހޯދަން އުޅޭ ކަމަށެވެ.

"ލަދުހަޔާތުގެ ކަންފުޅެއްވެސް ނުހުރޭ. ހުރިހާ އެއްޗެއް އަހަރެމެންނަށް އެބަ ދައްކަން ޖެހޭ. ރީތި އާދަތައް އެ މީހުން ވަނީ ހަނދާން ނައްތާލާފައި. މީހުންނަށް ދައްކައިގެން ގައިގޯޅިވުމަކީ ވަރަށް ސްމާޓް ކަމެއް ކަމަށް މިހާރު ބަލަނީ. ލަދަކީ މިހާރު އޮންނަ އެއްޗެއް ވެސް ނޫން،" ޖާޔާ ބުންޏެވެ.

ބަފައިބެ އަމީތާބާއި އައިޝްވަރިޔާއާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އައިޝްވަރިޔާގެ ގައިގޯޅި މަންޒަރުތަކާ ބެހޭ ގޮތުން އަމީތާބު އާންމުކޮށް ވާހަކައެއް ނުދައްކަނީ އެ ސަބަބާ ހެދި ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް އައިޝްވަރިޔާގެ "ސަރަބްޖީތު" އާއި "ޖަޒްބާ" ޕްރޮމޯޓްކުރި ގޮތަށް އޭނާ "އޭ ދިލް ހެ މުޝްކިލް" ޕްރޮމޯޓް ކޮށެއް ނުދެ އެވެ.

"އޭ ދިލް ހެ މުޝްކިލް" އިން އައިޝްވަރިޔާގެ ގައިގޯޅި މަންޒަރުތައް ފޮހެލަދޭން އަމީތާބުގެ އާއިލާއިން އެ ފިލްމުގެ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ ކިބައިން ވަރަށް ބޮޑަށް އެދުނެވެ. ނަމަވެސް ކަރަން އެކަމާ އެއްބަސް ނުވީ އެވެ.

އައިޝްވަރިޔާ އަލަށް ކުޅެން ފަށާ "ފެނީ ޚާން" އަކީ 2000 ވަނަ އަހަރު ނުކުތް ޑަޗް ފިލްމު "އެވްރިބޮޑީޒް ފޭމަސް"ގެ ހިންދީ އެޑަޕްޓޭޝަން އެކެވެ.