25 ސެޕްޓެމްބަރ 2017 - 14:18

ރާއްޖެއާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން ތައިލެންޑްގެ 26 ކުންފުންޏަކުން މާލޭގައި އަންނަ ބުރާސްފަތިދުވަހު ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފި އެވެ.
އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް މިއަދު ވިދާޅުވީ ތައިލެންޑާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން މީގެ ކުރިން ދެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
"ތައިލެންޑްގެ ވަފުދާއި ދިވެހި ވިޔަފާރިވެރިންނާ އެކު ބާއްވާ އެއް ދުވަހުގެ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި. އެ ބައްދަލުވުމަށް ވަޑައިގެން އެ ބޭފުޅަކާ ގުޅުން ހުރި ދާއިރާއަކުން ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ތައުފީގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ތައިލެންޑްގައި ފުޑް އެންޑް ބެވަރޭޖް ދާއިރާގެ ކުންފުނިތައް ވެސް ބައިވެރިވާ ކަމަށެވެ. އޭގެ އިތުރުން އޮޓޯ ޕާޓްސް އުފައްދާ ފަރާތްތަކާއި ހާޑްވެއާ ތަކެތި ސަޕްލައިކުރާ ކުންފުނިތަކާއި އެއާކޮންޑިޝަނާއި ރެފްރިޖަރޭޓަރު ސަޕްލައިކުރާ ކުންފުނިތައް ވެސް ބައިވެރިވާނެ ކަމަށް ތައުފީގް ވިދާޅުވި އެވެ.
"ރާއްޖެއަކީ ގިނަ އަދަދެއްގެ ތަކެތި އިމްޕޯޓްކުރާ ގައުމަކަށް ވުމުން މިފަދަ ތަކެތި އުފައްދާ އަދި ސަޕްލައިކުރާ ކުންފުނިތަކާ ސީދާ ގުޅުން ގާއިމުވުމުން ތަކެތި ލިބޭ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިފަދަ ފަރާތްތަކާއި ދިވެހި ވިޔަފާރިވެރިންނާ ގުޅުން ގާއިމުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.
ތައުފީގް ވިދާޅުވީ މީގެ ކުރިން ބޭއްވި ދެ ބައްދަލުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިންނާ ތައިލެންޑް ކުންފުނިތަކާ ގުޅުން ބަދަހިވެފައިވާ ކަމަށެވެ.