25 ސެޕްޓެމްބަރ 2017 - 15:27

ޑާކާ (ސެޕްޓެމްބަރު 25) - ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން އުޅުނު ކަމަަށް ދެކެވޭ ވާހަކަތައް އެކަމަނާގެ އޮފީހުން ދޮގު ކޮށްފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި ހަސީނާ އަވާހަރަކޮށްލަން މިދިޔަ މަހު އުޅުނީ އެކަމަނާގެ ބޮޑީގާޑުންނެވެ. އަދި ސަރުކާރުގެ ވަޒީރަކު ވެސް ވަނީ ހަސީނާ އަވަހާރަކޮށްލުމުގެ ސިއްރު ރޭވުމެއް ރޭވި ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރު އަދި ވެރިކަން ކުރާ އަވާމީ ލީގުގެ ޑިޕިއުޓީ ލީޑަރު އުބައިދުލް ގުއާދަރު ވިދާޅުވީ ހަސީނާ އަވަހާރަކޮށްލަން އުޅުނީ ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.
އެކަމަކު ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެއީ ބައެއް މީޑިއާތަކުން ފެތުރި އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
ޑިޕިއުޓީ ޕްރެސް ސެކްރެޓަރީ މުހައްމަދު އަޝްރަފުލް އާލަމް ވިދާޅުވީ ހަސީނާގެ ޚާއްސަ ސެކިއުރިޓީ ގާޑުން އެކަމަނާ އަވަހާރަކޮށްލަން މިދިޔަ މަހު 24 ވަނަ ދުވަހު އުޅުނު ކަމަށް ބުނާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް ނެތް އަދި ގައުމުގެ އަގު ވައްޓާލަން ފަތުރާ ވާހަކަތަކެއް ކަމަށެވެ.
ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރަކަށް ހަސީނާ ހުންނެވި އިރު އެކަމަނާ އަވަހާރަކޮށްލަން 2004 ވަނަ އަހަރު ވަނީ ހަމަލާ ދީފަ އެވެ. ސިޔާސީ އެއްވުމަކަށް ދިން އަތު ބޮމުގެ ހަމަލާއަކުން އެކަމަނާ ސަލާމަތްވި ނަމަވެސް އެ ހަމަލާގައި ވަނީ 22 މީހުން މަރުވެފަ އެވެ.