26 ސެޕްޓެމްބަރ 2017 - 06:10

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގެ ފުރަތަމަ ޕޯސްޓަރާ އެކު ވެސް ހިންދީ ފިލްމަށް ލޯބިކުރާ މީހުންގެ ހިތްތައް އެ ފިލްމުން ވަނީ އަތުލާފަ އެވެ. މިިއީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމަށް ވެފައިވާ ފަދައިން އެންމެ ކާމިޔާބުވާނެ ކަމުގެ އުންމީދު އޮތީ ވެސް މި ފިލްމަށެވެ.

މި އަހަރު ނިމެން އެންމެ ތިން މަސް ދުވަހަށް ވެފައި ވާއިރު ގިނަ ބަޔަކު ބަލާހިތުން ތިބި އޮތީ ވަރަށް މަދު ފިލްމެކެވެ. އޭގެ ތެރެއިން އެ ފިލްމަކީ "ޕަދްމާވަތީ" އެވެ. ދެ ވަނަ ފިލްމަކީ ސަލްމާން ޚާންގެ "ޓައިގަ ޒިންދާ ހޭ" އެވެ. އަދި ތިން ވަނަ ފިލްމަކީ އަޖޭ ދޭވްގަންގެ "ގޯލްމާލް ރިޓާންސް" އެވެ. ވަރުން ދަވަންގެ "ޖުޅްވާ 2" ވަރަށް މޮޅުވާނެ ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.
ނަމަވެސް އެހެން ފިލްމުތަކަށް ވުރެ "ޕަދްމާވަތީ" ކުރި ހޯދާނެކަމަށް ބެލެވޭ ބައެއް ސަބަބުތައް އެބަހުއްޓެވެ. ފިލްމު ޝޫޓްކޮށްފައި ވަނީ ވަރަށް ބޮޑު ބަޖެޓަކުން އެހާމެ ވަރުގަދަ ސެޓްތަކެއްގައި ވަރަށް ފުރިހަމަ މަންޒަރުތަކަކާ އެކުގަ އެވެ. ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން އާއި އެއް ބަތަލު ރަންވީރު ސިންގުގެ ކެމިސްޓްރީ އާއި އެމީހުން މި ކެރެކްޓާއަށް ވަދެފައިވާ މިންވަރަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އަނެއްކޮޅުން ފިލްމުގައި ޝާހިދު ކަޕޫރު ކުޅޭ ރާޖާ ރާވަލް ރަތަން ސިންގުގެ ކެރެކްޓާ ވެސް ހަމަ އެހާމެ ޝައުގުވެރި އެވެ.
"ޕަދްމާވަތީ" އަކީ މިއަހަރުގެ އެންމެ ރީތި އަދި މޮޅު ފިލްމަށް ވާނެކަމަށް ގިނަ މީހުން ޔަގީންކުރާ ސަބަބުތަކުގެ ތެރޭގައި ފިލްމުގައި ދީޕިކާ އާއި ރަންވީރު ދައްކާފައިވާ ކެމިސްޓްރީ ހިމެނެ އެވެ. މިހާރު މި ޖޯޑު ވެފައިވަނީ ޝާހްރުކް ޚާނާއި ކާޖޮލް އަދި ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ކަހަަލަ، ބެލުންތެރިން ވަރަށް ލޯބިވާ ޖޯޑަކަށެވެ.
ފިލްމު އިއުލާން ކުރީއްސުރެ ފިލްމަށް ދިމާވަމުންދިޔަ ތަފާތު މައްސަލަތަކާ ހުރެ ފިލްމުގެ ވާހަކަ އަބަދުވެސް މީހުން ދައްކަމުން އައިސްފައިވެ އެވެ. ހަގީގަތުގައި ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް ފިލްމާ ގުޅޭ ވާހަކަތައް އަބަދުވެސް އިވޭ ނަމަ އެ ފިލްމަކަށް ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވެގެން ދާނެ އެވެ. ޖޯދްޕޫރްގައި ފިލްމުގެ ޝޫޓިން އަށް ހަދާފައިވާ ބޮޑު ސެޓެއް މިދިޔަ މާޗް މަހު ބަޔަކު ވަނީ ހަލާކުކޮށްލައިފަ އެވެ. އޭގެ ފަހުން ކޯލާޕޫރްގައި ތައްޔާރު ކުރި ސެޓެއް ވެސް ހަލާކުކޮށްލި އެވެ. މި ފިލްމުގެ ވާހަކަ ނިސްބަތްވާ ރާނީ ޕަދްމާވަތީގެ ދަރިކޮޅުގެ މީހުން ކަމަށް ބުނާ ބަޔަކު މި ފިލްމުގައި ޕަދްމާވަތީ އާއި އަލާއުއްދީން ޚިލްޖީ (ރަންވީރު)ގެ ލޯބީގެ މަންޒަރުތަކެއް ދައްކާ ކަމަށް ބުނެ ފިލްމާ ދެކޮޅަށް ހިންގަމުންދިޔަ ހަމަނުޖެހުން ތަކުގެ ސަބަބުން ފިލްމަށް ލިބޭ ގެއްލުމަށް ވުރެ އިޝްތިހާރުވާލެއް ވަނީ ބޮޑުވެފަ އެވެ.
"ޕަދްމާވަތީ" އަކީ ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ ފިލްމަކަށް ވުމީ ވެސް ގިނަ ބަޔަކު ފިލްމު ބަލާހިތްވާނެ ކަމެކެވެ. ސަބަބަކީ ބާންސާލީ އުފައްދާ ފިލްމުތައް ބޮލީވުޑް އެހެން ޑައިރެކްޓަރުންގެ ފިލްމުތަކާ ތަފާތުވެފައި ރީތިވީމަ އެވެ. ޚާއްސަކޮށް، އޭނާ އުފައްދާ ތާރީޚީ ފިލްމުތައް ފުރިހަމަ ކަމުންނެވެ.
ޝާހިދާއި ރަންވީރު އެއް ފްރޭމަކުން ބަލައިލުމަކީ ވެސް ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. މި ދެ އެކްޓަރުންނަކީ ވެސް ހުނަރުގެ ގޮތުން އެކަކު އަނެކަކަށް ދޫނުކުރާނެ އެކްޓަރުންނަށް ވެފައި ދެ މީހުން ވެސް ފިލްމުގައި ހަނގުރާމަ ކުރާނީ ދީޕިކާ ހާސިލު ކުރަން ކަމަށް ވާތީ މިއީ ވަރަށް ޝައުގުވެރިވާ ކަހަލަ މައުލޫއަކަށް ވެފައިވެ އެވެ.
"ޕަދްމާވަތީ"އާ އެކު ބާންސާލީ މިވަނީ ކާމިިޔާބު ފިލްމުތަކުގެ ހެޓް-ޓްރިކް އަކަށް ތައްޔާރުވެފަ އެވެ. އޭނާގެ ކުރީގެ ދެ ފިލްމު "ރާމް-ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" އަކީ ބްލޮކްބަސްޓާ ފިލްމުތަކެވެ. ވީމާ މި ފިލްމު ވެސް އެވަރުގެ ކާމިޔާބެއް ހޯދަފާނެކަމަށް އުންމީދު ކުރެވެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު ފިލްމުގެ އިޝްތިހާރުތައް ރިލީޒްކުރަމުން ދިޔަ ވަރަކަށް ފިލްމާ މެދު ބެލުންތެރިންގެ ހިތްތައް ވެސް ލެނބެމުން ދާނެކަން ވަނީ ޔަގީން ވެފަ އެވެ. އެންމެ ކުރިން ނެރުނު ދީޕިކާގެ ޕޯސްޓަރުތަކަށް ބޮޑު ތަރުހީބެއް ލިބުނުއިރު ހޯމަ ދުވަހު ރިލީޒްކުރި ޝާހިދުގެ ޕޯސްޓަރަށް ވެސް ހަމަ އެހާ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.