ބާސެލޯނާ ކުރީގައި އޮތުމަކީ މެޑްރިޑަށް ޕްރެޝަރެއް: ވަލްވޭޑޭ
ބާސެލޯނާ ކުރީގައި އޮތުމަކީ މެޑްރިޑަށް ޕްރެޝަރެއް: ވަލްވޭޑޭ

ބާސެލޯނާ (ސެޕްޓެމްބަރު 25) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތުމަކީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އޮތް ޕްރެޝަރެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ރެއާލަށް މައްސަލަތަކެއް ކުރިމަތިވެފައިވާއިރު އެ ޓީމު ލީގުގެ ފަސް ވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

މި ސީޒަނުގައި ބާސެލޯނާއާ ހަވާލުވެ ވަލްވޭޑޭ ފުރަތަމަ ކުރިމަތިލީ ސްޕެނިޝް ސުޕަ ކަޕާ އެވެ. ސުޕަ ކަޕްގައި ވާދަވެރި ރެއާލް އަތުން ބަލިވުމުން ވަލްވޭޑޭއާ މެދު ސްޕެއިނުގެ ބައެއް މީޑިއާ ތަކުން ސުވާލު އުފެއްދި އެވެ. އެހެން ނަމަވެސް ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބާސެލޯނާ މޮޅުވިއިރު، އެ މެޗުތަކުގައި އެ ޓީމުން ދެއްކި ކުޅުމުގެ ސަބަބުން ވަލްވޭޑޭ އަށް އަންނަނީ އެ ޓީމުގެ ކުޅުންތެރިން ވެސް ތައުރީފް ކުރަމުންނެވެ.

"ބާސެލޯނާއާ ހަވާލުވުމުގެ ކުރިން ވެސް އަހަރެން މި ޓީމުގެ ކަންތައްތައް ބަލަން. ގިނަ މެޗުތައް ވެސް ބަލަން. އެހެންވުމުން އަހަރެންގެ ސްޓައިލާ މި ޓީމު ގުޅޭނެ ކަމުގެ ޔަގީންކަން އޮތް،" ބާސެލޯނާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ވަލްވޭޑޭ ބުންޏެވެ.

ބާސެލޯނާގައި މިހާރު ވެސް އޮތީ ސީޒަނުގެ ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ފެންވަރުގެ ސްކޮޑެއް ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.

"ހުރިހާ މުބާރާތަަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ބާސެލޯނާގައި އެބައޮތް. މި ވަގުތަށް ބެލިޔަސް އެންމެ ވާދަވެރި ޓީމު މި އޮތީ އަހަރެމެންނަށް ވުރެން ފަަހަތުގައި. އަހަރެން ދެކޭ ގޮތުގައި ބާސެލޯނާ ކުރީގައި އޮތުމަކީ ރެއާލަށް ޕްރެޝަރެއް،" ކުރިން އެތުލެޓިކް ބިލްބާއޯ އަށް ކޯޗުކޮށްދިން ވަލްވޭޑޭ ބުންޏެވެ.

ބާސެލޯނާ ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށެވެ.