25 ސެޕްޓެމްބަރ 2017 - 10:57

ޓޯކިޔޯ (ސެޕްޓެމްބަރު 25) - ދަތުރުކޮށްފައި ދިޔަ މަތިންދާ ބޯޓެއްގެ ފިޔަގަނޑުން ބައެއް ވެއްޓި ކާރެއްގައި ޖެހި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ޖަޕާނުގެ އޮސާކާ ސިޓީގައި ހިނގި މި ހާދިސާގައި ކޭއެލްއެމް ރޯޔަލް ޑަޗް އެއާލައިންސްގެ ބޯޓުން ވެއްޓިފައި ވަނީ ހަތަރު ކިލޯ ހުރި އެތިގަނޑެކެވެ. އެ ބޯޓުގެ ފިޔަގަނޑުން ބައެއް ވެއްޓުނީ ކަންސައި އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާގިނައިރެއް ނުވަނީހެވެ.
ގާތްގަނޑަކަށް 2،000 މީޓަރު (6،500 ފޫޓު) މަތިން ވެއްޓުނު އެތިގަނޑު ކާރުގެ މަތީގައި ޖެހުމާ އެކު ފަހަތުގެ ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
ނަމަވެސް ކޭއެލްއެމް އިން ވަނީ މި ހާދިސާގެ ތަހުގީގު ފަށައިފަ އެވެ. ބޯއިން 777 ގެ ބޯޓުން ބައެއް ވެއްޓުނު އިރު އެ ބޯޓުގައި 300 ޕަސިންޖަރުން ތިއްބެ އެވެ. ބޯޓު ވަނީ އެމްސްޓެޑަމްގެ ސްކިޕޯލް އެއާޕޯޓުގައި ސަލާމަތުން ޖައްސައިފަ އެވެ.
ޑަޗް އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާއާ މެދު ވަރަށް ހިތާމަކުރާ ކަމަށާއި މި ކަން ހިންގަން މެދުވެރިވި ސަބަބު ހޯދަން ވަގުތުން ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި ޖަޕާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ބޯއިން ކުންފުންޏާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.