ސްރީލަންކަންއިން ބުކިން ޑޮޓްކޮމްއާ ގުޅި، ޓިކެޓާ އެކު ހޮޓާ ބުކް ކުރެވޭ ގޮތް ހަދައިފި
ސްރީލަންކަންއިން ބުކިން ޑޮޓްކޮމްއާ ގުޅި، ޓިކެޓާ އެކު ހޮޓާ ބުކް ކުރެވޭ ގޮތް ހަދައިފި

ސްރީ ލަންކަން އެއާލައިންސް އިން ބުކިންޑޮޓްކޮމްއާ އާއި އެކު ޕާޓްނާޝިޕެއް ހަދައި، ޓިކެޓާއި އެކު ހޮޓާތައް ބުކް ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ އެއާލައިނުން ބުނީ ބުކިންޑޮޓްކޮމްއާ ގުޅިގެން ހިދުމަތް ދޭން ފެށީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި މި ހިދުމަތް ފެށުމުގެ ގޮތުން އެ އެއާލައިންގެ އާންމުކޮށް ދަތުރުކުރާ މީހުންގެ "ފްލައި ސްމައިލްސް ޕްރޮގްރާމް"ގެ މެމްބަރުން ޓިކެޓާއި އެކު ހޮޓަލެއް ކުބް ކޮށްފިނަމަ، ހިލޭ ލިބޭ ޕޮއިންޓް (މައިލްސް) ދެ ގުނަ ވެގެން ދާނެ ކަމަށް ބުންޏެވެ. ފްލައި ސްމައިލްސް ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު 18 ވަނަ ދުވަހާ ހަމައަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް މި ގެންދަނީ ކަސްޓަމަރުންނަށް ވީހާވެސް ގާތުން ހިދުމަތް ދެވޭނެ ގޮތްތައް ހޯދަމުން. ބުކިން ޑޮޓްކޮމްއާ ގުޅިގެން ހިދުމަތް ފެށުމުން، މިހާރަށް ވުރެ މާ ބޮޑަށް ކަސްޓަމަރުންނާ ގާތުން ހިދުމަތް ދެވޭނެ،" ސްރީ ލަންކަން އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސާ ސިވާ ރަމަޗަންދުރަން ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގާއިރު، ހޮޓާ ބުކް ކުރެވޭނެ. އިތުރު ވެބްސައިޓަކަށް ވަންނާކަށް ވެސް ނުޖެހޭނެ."

ބުކިން ޑޮޓްކޮމްގެ ސީނިއާ ޑައިރެކްޓާ އޮފް ސްޓްރެޓީޖިކް ޕާޓްނާޝިޕްސް ބްރިއަން ބަޓިސްޓާ ވިދާޅުވީ، ސްރީ ލަންކަން އެއާލައިންސްގެ ވެބްސައިޓުން މިހާރު ވަރަށް ގިނަ ހޮޓާ ތައް ބުކް ކުރެވޭނެ ކަމަށެވެ. ހޮޓާ ބުކިންގެ އިތުރުން އެޕާޓްމަންޓާއި، ވިލާ އަދި އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ރޫމްތައް ވެސް ބުކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސް އިން ގެންދަނީ އެ ކުންފުނީގެ ވިޔަފާރި ރަނގަޅުކޮށް، އިތުރަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިތުރު ގައުމުތަކަށް ދަތުރުތައް ފުޅާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.