މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީ، މުސާރަ ބޮޑުކޮށްފި
މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީ، މުސާރަ ބޮޑުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީ، މުސާރަ ބޮޑުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ 131 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުސާރަ ބޮޑުވާނެކަން ވަނީ އަންގައިފަ އެވެ. ބައެއް މުވައްޒަފުންގެ އެއް ރޭންކް މަތިވިއިރު، މުސާރައިގެ ގޮތުގައި ބޮޑުވެފައިވަނީ ހާހަކަށް ވުރެ ގިނަ ރުފިޔާ އެވެ.

މުސާރަ ބޮޑު ނުވި ތިން މުވައްޒަފުންނަކީ ނޯ ޕޭ ލީވްގައި ތިބި ބައެކެވެ.

ބައެއް މުވައްޒަފުންނަށް މުސާރަ ބޮޑު ކުރިކަން އެންގީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިވަކިން އެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. ބާކީ ތިބި މުވައްޒަފުންގެ މުސާރަ ބޮޑުވިކަން ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް (އެޗްއާރު) އިން ލިޔުމަކުން އަންގާފައިވާ ކަމަށް އެ މުވައްޒަފުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިއެއްގެ ބަހެއް ނުލިބެ އެވެ.

މުޅިއެކު 12 ސެކްޝަނަކަށް ބަހާފައި އޮންނަ މަޖިލީހުގެ އިދާރާގައި މުސާރަ ބޮޑުވި ބައެއް މުވައްޒަފުންގެ ތެރޭގައި ވަރަށް ފަހުން ޑިގްރީ ހާސިލްކޮށްފައިވާ މީހުން ހިމެނޭ ކަމަށް އެނގިފައިވެ އެވެ.

އެގޮތުން ގާނޫނީ ދާއިރާ އިން ޑިގްރީ ހަދައިގެން ކޮމެޓީ އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފުން ވަނީ ލީގަލް އޮފިސަރުންނަށް ޕްރޮމޯޓް ކޮށްފަ އެވެ.

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރަ ބޮޑު ކުރުމުގެ ކުރިން މަޖިލީހުގެ ޕާލަމަންޓްރީ ސާވިސް މުވައްޒަފުންގެ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.