26 ސެޕްޓެމްބަރ 2017 - 06:08

އިނގިރޭސި ވިލާތުގައި އުޅުނު މިލިއަނަރެއް ކަމަށްވާ އެރިއާނޭ ލާކް ގެއްލިގެން ހޯދާތާ ހަ މަސް ދުވަސް ފަހުން، އިޓަލީގެ މިލާނުގެ މަގެއްގެ މަތިން "ވާނުވާ ނޭނގޭ" ހާލުގައި އުޅެނިކޮށް ފެނިއްޖެ އެވެ.
އީރާނަށް އުފަން އަދި އިނގިރޭސި ވިލާތުގެ ރައްޔިތަކަށް ވެފައިވާ އެރިއާނޭ، 50، އަކީ ކެމްބްރިޖް ޔުނިވަސިޓީގެ ގްރެޖުއޭޓެކެވެ. އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މިލާންގެ ހޮޓަލަކުންނެވެ. އެ ހޮޓަލުގައި ހުރެފައި އޭނާ ގެއްލުނު ގޮތަކަށް ވީގޮތެއް ނޭނގުނެވެ.
އެރިއާނޭ ހޯދަން އާއިލާއިން ޕްރައިވެޓް ޑިޓެކްޓިވްއަކާ ހަވާލުކޮށްގެ އުޅެނިކޮށް ފެނުނު އިރު އޭނާގެ ސިފަ ވެސް ހުރީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އަދި ގެއްލެއް މެދުވެރިވި ސަބަބެއް ވެސް އެހާ ރަނގަޅަށް ކިޔައިދޭކަށް ނޭނގެ އެވެ.
އެރިއާނޭ އަކީ ހަތަރު ބަހަކުން ވަރަށް ފަރިތަކަމާއެކު ވާހަކަދައްކާ މީހެކެވެ. އަދި ފިލްމު ޕްރޮޑަކްޝަން ކުންފުންޏެއްގެ މެނޭޖަރެކެވެ.
އެރިއާނޭ ބުނި ގޮތުގައި އޭނާ މަގުމަތީގައި އުޅެނިކޮށް ބަޔަކު އޭނާ އަތުން ފޭރުނީ އެވެ. އަދި ފޭރެން އުޅުނު ވަގުތު ވެއްޓި ބިންމަތީގައި ބޯ ޖެހުނު ކަމަށް ބުންޏެވެ. އޭނާގެ ހަނދާނުގައި މާގިނަ ކަންތައްތަކެއް ނެތީ ބޮލަށް ލިބުނު އަނިޔާގެ ސަަބަބުން ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ ހިތުގައި މިލާނަށް ވަނީ ވަރުގަދަ ލޯތްބެއް ޖެހިފަ އެވެ. މަގުމަތިން ދިމާވާ މީހުން އޭނާއަށް ކާއެއްޗެއް ދިނަސް އޭގައި ނުހިފާ ކަމަށާއި ކެއީ ޑަސްބިންތަކުން ނަގައިގެން ކަމަށް ވެސް ބުންޏެވެ.
މިހާރު އެރިއާނޭ ހުރި ތަނެއް އަދި އޭނާގެ ހާލެއް ނޭނގޭ ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެފައިވެ އެވެ. ނަމަވެސް އާއިލާއިން އޭނާ އިނގިރޭސިވިލާތަށް ގެންދަން މަސައްކަތްކުރާ ކަމަށްވެ އެވެ.