25 ސެޕްޓެމްބަރ 2017 - 10:22

މެންޗެސްޓާ (ސެޕްޓެމްބަރު 25) - މެންޗެސްޓާ ސިޓީން މި ސީޒަނުގައި މިހާތަނަށް ދައްކަމުން އަންނަ ކުޅުމަކީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާގައި އެ ޓީމު ދާނީ އިތުރަން ވަރުގަދަ ވަމުން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގައި މިހާތަނަށް ހަ މެޗު ކުޅުނުއިރު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް 16 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ލަނޑުގެ ގޮތުން ސިޓީ އަށް ކުރި ލިބޭތީ އެވެ.
އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުގައި ސިޓީން 16 ލަނޑު ޖެހިއިރު، ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަދެފައެއް ނުވެ އެވެ.
ގާޑިއޯލާ މިދިޔަ ސީޒަނުގައި ސިޓީއާ ހަވާލުވެ ގިނަ ކަންތައްތަކެއް ބަދަލުކުރަން މަސައްކަތް ކުރިއިރު، ޓީމުގެ ނަތީޖާތައް ދިޔައީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. ނަތީޖާ އަކަށްވީ ސިޓީ ހުސްއަތާ ސީޒަން ނިންމާލަން ޖެހުމެވެ. ފުރަތަމަ ސީޒަންގެ ހިތި ތަޖުރިބާ އަށް ފަހު ގާޑިއޯލާ މި ސީޒަނުގައި ސިޓީ ގޮވައިގެން ނުކުތީ ބޮޑު ހަރަދުކޮށް ޓީމު އިތުރަށް ވަރުގަދަ ކޮށްގެންނެވެ.
"އަހަންނަށް އެނގޭ ޕްރެޝަރާ ކުރިމަތިލާން. ކުޅުނުއިރު ވެސް އެކަން ކުރިން. ކޯޗެއްގެ ގޮތުގައި އެންމެ ފަހުން މަސައްކަތްކުރި ދެ ޓީމުގައި ވެސް އަހަރެން އެކަން ސާބިތުކޮށްދިނިން. ސިޓީގައި ވެސް އަހަންނަށް ކާމިޔާބުވާނެ. މި ވަގުތު ސިޓީ އެ ދައްކާ ކުޅުމަކީ ފެށުމެއް. މި ޓީމު އަދި އިތުރަށް ވަރުގަދަވާނެ،" ސިޓީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ލީގަށް ވާދަކުރާނެ ޓީމެއްގެ ވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.
"ޕްރިމިއާ ލީގަކީ އުނދަގޫ ލީގެއް. އެހެން ލީގު ތަކާ މުޅިން ތަފާތު. އިތުރަށް އެއް މުބާރާތް (ލީގު ކަޕް) ކުޅެން ޖެހޭ. މި ހުރިހާ ކަމަކަށް ވިސްނާއިރު ވަރަށް ގިނަ ކަންތައްތައް ބަދަލުވާނެ. ލީގު ގެންދާނެ ޓީމެއްގެ ވާހަކަ ދައްކަން އަދި އަވަސް،" ގާޑިއޯލާ ބުންޏެވެ.
ސިޓީ ލީގުގައި އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ނުކުންނީ ޗެލްސީއާ ދެކޮޅަށެވެ.