26 ސެޕްޓެމްބަރ 2017 - 06:12

ޑައިރެކްޓަރު ޖޭޕީ ދައްތާގެ އާ ފިލްމު "ޕާލްޓަން" ގައި ބައިވެރިވާކަން ޓްވިޓާގައި އިއުލާންކޮށް، އެ ފިލްމުގައި ބައިވެރި ވެވޭތީ ވަރަށް އުފަލުން ހުރި ކަމަށް ބުނުމަށް ފަހު، ފިލްމު ފެށެެން ދެތިން ދުވަހަށް ވެފައިވަނިކޮށް ފިލްމުގެ އެއް ބަތަލު އަބީޝެކް ބައްޗަން އެ ފިލްމުން ކުއްލި ގޮތަކަށް ވަކިވެއްޖެ އެވެ.
އެންމެ ފަހު ވަގުތު އަބީޝެކް ކުއްލިއަކަށް ފިލްމުން ވަކިވުމުން ޑައިރެކްޓަރަށާއި ފިލްމުގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ވެސް ވަނީ ޝޮކެއް ލިބިފަ އެވެ. ފިލްމުގެ އޮފިޝަލް ސްޕޯކްސްޕާސަން ނެރުނު ބަޔާނެއްގައި ބުނީ އަބީޝެކް ބައްޗަން އަކީ މިހާރު އެ ފިލްމުގެ ބައިވެރިއެއް ނޫން ކަމަށެވެ.
މިހާރު މި ފިލްމުގެ ޝޫޓިން އިންޑިއާގެ ލަޑާކްގައި ވަނީ ފަށައިފަ އެވެ. އަދި އަބީޝެކް ފިލްމުން ވަކިވާ ވާހަކަ އެންގީ ފިލްމު ކުރޫ ޝޫޓިން އަށް ފުރަން ތައްޔާރުވެފައި ވަނިކޮށް ކަމުން މިއީ ގިނަ ބަޔަކަށް ވަރަށް ހައިރާންކަން ލިބުނު ކަމަށް ވަނީ ވެފަ އެވެ.
"ޕާލްޓަން"ގެ ޑައިރެކްޓަރު، ޖޭޕީ ދައްތާގެ ދަރިފުޅު ނިދީ ދައްތާ ބުނި ގޮތުގައި އަމިއްލަ ސަބަބުތަކެއް ހުރެގެން ކަމަށް ބުނެ އަބީޝެކް ވަކިވުމުން އެމީހުން ވަނީ މާޔޫސް ވެފަ އެވެ. އަދި އޭނާ ފިލްމުން ވަކިވީ ޝޫޓިން ފަށަން 24 ގަޑިއިރަށް ވެފައި ވަނިކޮށް ކަމަށް ވާތީ އޭނާގެ ބަދަލުގައި އެ ރޯލު ކުޅޭނެ އެކްޓަރެއް ވެސް އަދި ނުހޯދިގެން އުޅޭ ކަމަށާއި އެކްޓަރެއް ހަމަޖެހުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނެ ކަމަށް ވެސް ނިދީ ބުންޏެވެ.
މީގެ 20 އަހަރު ކުރިން ޖޭޕީ ދައްތާ އުފެއްދި "ބޯޑަރު" ވެފައި ވަނީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ހަނގުރާމަމަތީ ފިލްމަށެވެ. ޑައިރެކްޓަރު އަނެއްކާވެސް ހަމަ އެފަދަ ފިލްމެއް އިއުލާން ކުރީ "ބޯޑަރު" ގެ 20 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.
އަބީޝެކްގެ ފުރަތަމަ ފިލްމު "ރެފިއުޖީ" އަކީ ވެސް ޖޭޕީ ދައްތާގެ ފިލްމެކެވެ. އޭގެ ފަހުން "އެލްއޯސީ ކާރްގިލް" އާއި "އުމްރާއޯ ޖާން" ވެސް އަބީޝެކް ލީޑް ރޯލަށް ލައިގެން އޭނާ އުފެއްދި އެވެ. އެހެންކަމުން ޖޭޕީ ދައްތާ އާއި އަބީޝެކްގެ އޮތީ ވަރަށް ޒަމާންވީ ގާތް ގުޅުމެކެވެ.
ފިލްމީ މަސައްކަތާ ދުރުގައި އަބީޝެކް އުޅޭތާ މިހާރު ދުވަސްގަނޑެއް ވެއްޖެ އެވެ. އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ 2016 ގައި ނުކުތް "ހައުސްފުލް 3" އެވެ. އެހެންވެ އޭނާއާ އެކު ޖޭޕީ ދައްތާ "ޕާލްޓަން" އިއުލާން ކުރުމުން އަބީޝެކް ވެސް ވަރަށް އުފަލުން ޓުވީޓްތައް ކޮށްފައިވެ އެވެ. އަދި އެ ފިލްމު އިޝްތިހާރުކުރުމުގެ މަސައްކަތް ވެސް އޭނާ ޓުވިޓާގައި ވަނީ ވަރަށް ގަދަޔަށް ކޮށްފަ އެވެ.
"ޕާލްޓަން" އަކީ 1962 ގައި އިންޑިއާ އާއި ޗައިނާގެ މެދުގައި ކުރި ހަނގުރާމައިގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ސުނިލް ޝެޓީ، އަރްޖުން ރާމްޕާލް، ސޯނޫ ސޫދު، ޕުލްކިތު ސަމްރާޓް، ސިދާންތު ކަޕޫރު، ގުރުމީތު ޗައުދަރީ، ޖިމީ ޝާގިލް، ޖެކީ ޝްރޮފް އަދި ލަވް ސިންހާ ބައިވެރިވެ އެވެ.