30 ޖޫން 2016 - 17:18

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދޭން އެދި ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫނަށް ސިޓީއެއް ހުށަހަޅަން ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމް ކައުންސިލް މެމްބަރުން ބޭއްވި ބައްދަލުވުމުގައި ނިންމައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރުން ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ކުއްލި ބައްދަލުވުމެއް ބޭއްވީ ޕީޕީއެމްގެ ހުރިހާ ބާރުތަކެއް ރައީސް މައުމޫން ނެންގެވުމުންނެވެ. އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 33 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ ޕާޓީ އަށް ކުރިމަތިވެފައިވާ މައްސަލަ އަށް ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަންނަވަނީ ސުލްހަވެރިކަމާ އެކު ހައްލެއް ހޯދުމަށެވެ. އެހެންވެ މިއަދުގެ ބައްދަލުވުމުގައި އެންމެންނަށް ވެސް އެއްބަސްވެވުނީ، ޕާޓީގެ ކައުންސިލް ބާއްވައިދޭން މައުމޫން އަރިހުން އެދިވަޑައިގަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލް ބާއްވައިދޭން އެދި ރައީސް މައުމޫނަށް މިއަދު ހުށަހަޅާނެ،" އޭނާ ވިދާޅުވި އެވެ.
ސުލްހަވެރިކަމާ އެކު ހައްލެއް ނުހޯދިއްޖެ ނަމަ ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ ގާނޫނީ ހައްލެއް ހޯއްދެވުމަށެވެ. އެއީ، 65 އަހަރުވެފައިވާ މީހަކަށް ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ނުހުރެވޭނެ ކަމަށް ކަނޑައަޅަން މަޖިލީހަށް އިސްލާހެއް ހުށަހެޅުމަށެވެ. މައުމޫންގެ އުމުރުފުޅު މިހާރު 80 އަށް ވުރެ މަތިވާނެ ކަމަށް ވެ އެވެ.
- ގާނޫނު އަސާސީ އާއި އެހެން ގާނޫނުތަކާއި އަސާސީ ގަވާއިދާއި ޕާޓީގެ ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ އެހެނިހެން ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި ޕާޓީ ހިންގުން.
- ޕާޓީގެ ކައުންސިލް ހިންގުމާއި ކައުންސިލްގެ ޖަލްސާތައް ބާއްވާނެ ގޮތާއި ކަންކަން ފާސްކުރާނެ ގޮތް އަދި ޔައުމިއްޔާ ލިބެ ބަލަހައްޓާނެ ގޮތް ޕާޓީގެ ހިންގާ ގަވާއިދުގައި ކަނޑައެޅުން.
ޕާޓީގެ އެކި މަގާމްތަކުގެ މައްޗަށް އެކުލެވިގެންވާ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ އަސާސީ ގަވާއިދުގައިވާ ގޮތުގައި ޕާޓީގެ ރައީސެވެ.
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމާ ގުޅޭ ތަފްސީލް ދެއްވި ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވީ ޕާޓީގެ ބާރުތައް މައުމޫން ނެންގެވީ ޕާޓީގެ އަސާސީ ގަވާއިދާ ވެސް ހިލާފަށް ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދޭތެރޭ އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ ޕާޓީ ދެ ފަޅި އަށް ފަޅައިގެން މިދިޔައީ އިއުލާން ނުކޮށް ރަށްތައް ދޫކުރުމުގެ އިސްލާހަށް ވޯޓު ނުދެއްވަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނިކޮށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން އެ އިސްލާހު ފާސްކުރެއްވުމުންނެވެ. އިސްލާހަށް ވޯޓު ނުދޭން މައުމޫން އެދިވަޑައިގަތުމުން، ބައެއް މެމްބަރުން ވަނީ ފާޅުގައި އެމަނިކުފާނަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވައިފަ އެވެ.