26 ސެޕްޓެމްބަރ 2017 - 06:12

"ޓޫމްބް ރެއިޑާ"ގެ އާ ފިލްމުގެ ފުރަތަމަ ޓްރެއިލާ މިދިޔަ ހަފުތާގައި ނެރުމާ އެކު ފޭނުންގެ ހިތް އެ ފިލްމަށް ވަނީ ދަމައިގެންފަ އެވެ. ކްލެސިކް ވީޑިއޯ ގޭމް ކެރެކްޓާ ލާރާ ކްރޮފްޓްގެ ގޮތުގައި މި ފަހަރު ފެންނާނީ އެންޖެލީނާ ޖޯލީގެ ބަދަލުގައި އެލީސިއާ ވިކެންޑާ އެވެ.
ޓްރެއިލާ އިން ފެންނަ ގޮތުގައި 2013 ވަނަ އަހަރު ނެރުނު "ޓޫމްބް ރެއިޑާ" ގޭމަށް ހަދާފައިވާ ފިލްމުގައި ލާރާ ކްރޮފްޓް، ފަރަށް އަރާފައިވާ ބޯޓަކުން ފުންމާލައިގެން ގޮސް ރަށަކަށް އަރާ އިރު ނުރައްކަލާ ކުރިމަތިލާން ޖެހެ އެވެ. އަދި މަރުން ސަލާމަތްވެ، އޭނާގެ މިޝަން ކާމިޔާބުކުރަން އެހާ ހިސާބުން ފެށިގެން ހަނގުރާމަކުރަން ޖެހެ އެވެ. މި ޓްރެއިލާ ގިނަ ބަޔަކަށް ވަނީ ވަރަށް ކަމުގޮސްފަ އެވެ. އެކަމަކު ފިލްމުގެ ޕޯސްޓަރަށް މީހުން ކުރަމުން ދަނީ މަލާމާތެވެ.
އޮސްކާ އެވޯޑް ހޯދާފައިވާ ސްވިޑްންގެ ބަތަލާ އެލީސިއާގެ މަންޒަރެއް ހުރި އެ އިޝްތިހާރުގައި އޭނާގެ ކަރު ފެންނަނީ މާ ދިގުކޮށެވެ. ޓްވިޓާގައި ފާޑުކިޔަމުންދާ ބައެއް މީހުން ސިފަކުރަނީ އެއީ ޑައިނަސޯއެއްގެ ކަރުގެ ގޮތުގަ އެވެ. މައްސަލައަކަށްވީ ފޮޓޯޝޮޕްކޮށް، އެލީސިއާގެ އަސްލު ސިފަ އެހާ ބޮޑަށް ބަދަލުކޮށްފައި ހުރުމެވެ.
އެލީސިއާގެ ދިގު ކަރަށް ޖޯކު ޖަހައި އެ ޕޯސްޓަރު އެހެން ގޮތްގޮތަށް ހަދައިގެން ޓްވީޓްކުރަމުންދާ މީހުން ވެސް މަދެއް ނޫނެވެ.
ނޯވޭގެ ރޯ އުތަގު ޑައިރެކްޓްކޮށްފައިވާ ފިލްމު ރިލީޒްކުރާނީ މާޗް 2018ގަ އެވެ.
"ޓޫމްބް ރެއިޑާ"ގެ ޕޯސްޓަރެކޭ އެއްގޮތަށް ކުރީގެ ބައެއް ފިލްމުތަކުގެ ޕޯސްޓަރުތައް ވެސް "ފެއިލް"ވެފައިވެ އެވެ. އޭގެ ތެރޭގައި 1983ގެ ޖޭމްސް ބޮންޑް ފިލްމު "އޮކްޓޮޕުސީ"ގެ އިޝްތިހާރުގައި ރޮޖާ މޯ އާއި މޯޑް އެޑަމްސްގެ ފައި މާ ބޮޑަށް ދިގުކުރުމާއި 1990ގެ "ޕްރިޓީ ވުމަން"ގެ ޕޯސްޓަރުގައި ޖޫލިއާ ރޮބަޓްސް ދައްކަން އެހެން މީހެއްގެ ހަށިގަނޑު ބޭނުންކުރުން ހިމެނެ އެވެ. އަދި 2013ގެ ކޮމެޑީ ފިލްމު "ދަ ހީޓް"ގެ އިނގިރޭސިވިލާތު ޕޯސްޓަރުގައި މެލީސާ މެކާތީގެ މޫނު މާ ބޮޑަށް ހިކިކޮށް ދައްކާފައިވާތީ އެ ފިލްމު ހެދި މީހުންނަށް ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
"ދަ ޑޭނިޝް ގާލް" އިން އޮސްކާ އެވޯޑް ހޯދި އެލީސިއާ މިދިޔަ އަހަރު މެޓް ޑޭމަންއާ އެކު ޖޭސަން ބޯން ފިލްމުން ވެސް ފެނިފައިވެ އެވެ.