24 ސެޕްޓެމްބަރ 2017 - 15:25

ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 24) - އިންޑިއާ އަކީ ދެކުނު އޭޝިއާގެ "ޓެރަރިޒަމްގެ މަންމަ" ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގްރީރަށް ފަހު ޕާކިސްތާނުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު މަލީހާ ލޯދީ ވިދާޅުވީ ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ޓެރަރިސްޓް ހަމަލާ ދިނުމަށް އިންޑިއާ އިން ސްޕޮންސާކުރަމުންދާ ކަމަށެވެ.
އދ.ގއި ދެއްވި ތަގްރީރުގައި ސްވަރާޖް ވިދާޅުވީ ލަޝްކަރީ ތޮއިބާ، ޖައިޝީ މުހައްމަދު، ހިޒްބުލް މުޖާހިދީން އަދި ހައްގާނީ ނެޓްވޯކް ފަދަ ޓެރަރިސްޓް ޖަމާއަތްތަކަކީ ޕާކިސްތާނުން އުފެއްދި ގްރޫޕްތައް ކަމަށެވެ. ލޯދީ ވިދާޅުވީ ސްވަރާޖްގެ ތަގްރީރުގައި އެންމެ މުހިންމު މައްސަލަ ކަމަށްވާ ކަޝްމީރުގެ ވާހަކަ ނުދެއްކެވީ ގަސްދުގައި ކަމަށެވެ.
"އިންޑިއާ އާއި ޕާކިސްތާނުން ބޮޑު ކުރިމަތިލުމަކަށް ދިއުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން މަސައްކަތް ކުރާ ނަމަ އިންޑިއާގެ ހަރުކަށި ބަސްމަގާއި ހަރުކަށި އަމަލުތައް ހުއްޓުވަން ޖެހޭނެ. އަދި ކަޝްމީރުގައި ދޭ ހަމަލާތައް ވެސް ހުއްޓުވަން ޖެހޭނެ. ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީވުން ހުއްޓުވަން ޖެހޭނެ،" ލޯދީ ވިދާޅުވި އެވެ.
ޓެރަރިޒަމާ ބެހޭ ގޮތުން ސުވަރާޖް ދެއްކެވި ވާހަކަ އަށް އިޝާރާތް ކުރައްވާ ލޯދީ ވިދާޅުވީ ޓެރަރިޒަމަކީ ކޮބައިކަން އދ. އިން ވެސް ސާފުކޮށް ދޭން ޖެހޭ ކަމަށެވެ.
"އަވަށްޓެރި ހުރިހާ ގައުމުތަކެއްގައި އިންޑިއާ އިން ވަނީ ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދީފައި. ޓެރަރިސްޓް ގްރޫޕްތައް ވަނީ އުފައްދާފައި. ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ޓެރަރިޒަމްގެ ހަރަކާތްތައް ވަނީ ސްޕޮންސާކޮށްފައި. މި ހުރިހާ ކަމަކާ އެކު އިންޑިއާ އަކީ ދެކުނު އޭޝިއާގެ ޓެރަރިޒަމްގެ މަންމަ،" ލޯދީ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އަކީ ދުނިޔޭގެ އެންމެ ބޮޑު ހިޕޮކްރިސީ ކަމަށް ވެސް ލޯދީ ވިދާޅުވި އެވެ.