ސަސްޕެންޑު ކުރި ވަކީލުންތަކެއް ޑީޖޭއޭއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި
ސަސްޕެންޑު ކުރި ވަކީލުންތަކެއް ޑީޖޭއޭއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ކައިރިއަށް އެއްވި ކަމަށް ބުނެ ސަސްޕެންޑުކުރި ބައެއް ވަކީލުން، ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަނާ (ޑީޖީއޭ) ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން 54 ވަކީލަކު ވަނީ މި މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން ފަހުން އުވާލާފައި ވެ އެވެ.

ސިވިލް ކޯޓަމައްސަލަ ހުށަހެޅި ވަކީލުންގެ ފަރާތުން ވާހަކަދައްކަވަމުން މަހުފޫޒު ސައީދު ވިދާޅުވީ ޑީޖޭއޭއާ ދެކޮޅަށް ދެކޮޅަށް ހުށަހެޅީ އެއީ ވަކީލުން ސަސްޕެންޑް ކުރުމުގެ ބާރު ލިބިފައިވާ އިދާރާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިއަދު ހަތް ވަކީލަކު މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ވަކީލުން މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް އެދި ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ހުސެއިން ހިމެނިވަޑައިގަންނަވާ ގޮތަށް 34 ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން ވަނީ އެ ނިިންމުމަށް ތައުރީފްކޮށްފަ އެވެ.