ފޭސްބުކްގެ ސަބަބުން ބަލިވެދާނެ
ފޭސްބުކްގެ ސަބަބުން ބަލިވެދާނެ

ފޭސްބުކްގައި އެތައް ސަތޭކަ ރައްޓެހިންނެއް ތިބުމަކީ ތިމާ މަޝްހޫރުވުމަށް އެހީތެރިވެދޭ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އެއީ ތިމާ ބަލިވުމަށް މެދުވެރިކުރުވާ ކަމަކަށް ވެސް ވެދާނެ އެވެ.

ރެގިސް ޔުނިވަސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކުން ހޯދުނު ގޮތުގައި ފޭސްބުކްގައި ރައްޓެހިން ގިނަވާ ވަރަކަށް އެމީހެއްގެ ސިއްހީ ހާލަތު ދަށަށް ދެ އެވެ. ޚާއްސަކޮށް، ނޭވާލުމުގެ ނިޒާމުގެ ބަލިތަކެވެ.

އަދި ފޭސްބުކް ބޭނުންކުރާއިރު ދިމާވާ ކަންތައްތަކާ ހިތް ނުތަނަވަސްވެގެން ކަންބޮޑުވެގެން އުޅޭ މީހުންނަށް އިންފެކްޝަންތަކުގެ ނުރައްކާ އޮންނަ މިންވަރު މާ މައްޗެވެ. މީގެ މާނައަކީ އެކުވެރިއަކު ޖަވާބު ނުދީގެން، ކޮމެންޓެއް ނުކޮށްގެން، މެސެޖް ނުކޮށްގެން ނުވަތަ ފޮނުވާ ފްރެންޑް ރިކުއެސްޓް ގަބޫލު ނުކުރުން ފަދަ ކަންކަމާ މާބޮޑަށް ވިސްނައި ކަންބޮޑުވެގެން އުޅުމެވެ.

ޖާނަލް ކޮމްޕިއުޓާޒް އިން ހިއުމަން ބިހޭވިއާޒްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކަރުދާހުގައި ބުނެފައި ވަނީ ފޭސްބުކް ބޭނުންކުރާ މީހާ ފޭސްބުކަށް ކޮންމެ ދުވަހަކު ލޮގް-އިން ވާ އަދަދާއި އެމީހާގެ ހިތް ނުތަނަވަސްކަން ހުރި މިންވަރާއި އޭނާގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ވަރާ ގުޅުން އެބަހުއްޓެވެ.

ސައިންސްވެރިން މި ދިރާސާ ތައްޔާރުކުރުމުގައި ބަލާފައިވަނީ ކޮލެޖަށް ދާ 89 ދަރިވަރަކު ދީފައިވާ ޖަވާބުތައް އެނަލައިޒްކޮށްގެންނެވެ. މި ކުދިން ވަނީ އެކުދިންގެ އާއްމު ސިއްހަތު ހުރި ގޮތާއި ފޭސްބުކް ބޭނުންކުރުމުގެ އާދަތައް ހުރި ގޮތް ބުނެދިނުމަށް ފުރަން ބުނި ސާވޭ ކަރުދާހެއް ފުރިހަމަ ކޮށްފަ އެވެ. މިއަށްފަހު ސައިންސްވެރިން ވަނީ ޖަވާބުދިން ހުރިހާ އެންމެންގެ ހަރަކާތްތައް 10 ހަފުތާ ވަންދެން މޮނިޓަކޮށް އެމީހުންގެ މެޔާއި ކަރުގައި އެއްވެސް ކަހަލަ އިންފެކްޝަނެއް ހުރިތޯ ވެސް އެނަލައިޒްކޮށްފަ އެވެ.

މި ދިރާސާއަށް ފަހު ސައިންސްވެރިންނަށް ފާހަގަ ކުރެވުނީ ފޭސްބުކްގައި ދިމާވާ ކަމަކާ ގުޅިގެން އެމީހަކަށް އެ މެދުވެރިވާ ހިތް ހަމަނުޖެހުމާއި ހިތް ނުތަނަވަސްކަމަކީ ވަރަށް ގިނަ އިންފެކްޝަންތައް ޖެހުމަށް މެދުވެރިވާ ކަމެއްގެ ގޮތުގަ އެވެ. އަދި ފޭސްބުކްގައި ރައްޓެހިން ގިނަ މީހުންގެ މިފަދަ މައްސަލަތައް ދިމާވާލެއް އިތުރުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މިފަދަ މީހުންގެ ސްޓްރެސް ލެވެލް މަތިވާ ވަރަކަށް އިންފެކްޝަންތައް ޖެހޭލެއް ވެސް ގިނަވެ އެވެ.

އާއްމުކޮށް ފޭސްބުކް ބޭނުންކުރުމާއި އެ ސައިޓްގައި ހޭދަކުރާ ވަގުތުގެ ދިގުމިނާއި ސިއްހަތު ދަށްވުމާ ގުޅުމެއް ހުރި ކަމަކަށް ނުވެ އެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޖޭ.ޕީ. ކެމްޕީސީ ވިދާޅުވީ އެކަނިވެރިކަން އިހްސާސް ކުރެވޭލެއް ކުޑަކުރަން ބޭނުން ނަމަ ނުވަތަ އުފާވެރިކަމުގެ އިހްސާސްތައް ކުރެވެން އެދޭ ނަމަ ނުވަތަ ސިއްހަތު ރަނގަޅުވާން ބޭނުން ނަމަ ފޯނަށް ނުވަތަ ކޮމްޕިއުޓަރަށް ބަލަހައްޓައިގެން އިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.