24 ސެޕްޓެމްބަރ 2017 - 13:41

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ 30 ދައުވާ އަށް ޖަވާބުދާރީވާން ކޯޓުން މިއަދު އޭނާ އަށް ފުރުސަތު ދީފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވި މައްސަލައިގައި ޒިޔަތަށް ކުރާ 30 ދައުވާއަކީ ކޮންމެ ރަށެއްގެ މައްސަލައިގައި ވަކިވަކިން އުފުލާފައިވާ ދައުވާތަކެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ ދައުވާ އުފުލާ ފުރަތަމަ ފަހަރެވެ.
އެ ހުރިހާ މައްސަލަތަކުގެ އިބްތިދާއީ މަރުހަލާ ކްރިމިނަލް ކޯޓުން މިއަދު ފެށިޔަސް އެއިން އެއްވެސް މައްސަލައެއްގެ ދައުވާ މިއަދުގެ އަޑުއެހުމުގައި އިއްވާފައި ނުވާތީ އެ މައްސަލަތަކުގައި ހިމެނެނީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނުވެ އެވެ.
ދައުވާތައް ގިނަކަމުން ތައްޔާރުވާން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށް ޒިޔަތުގެ ވަކީލު މުހައްމަދު ޔާމީން ވިދާޅުވުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ. ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ ދުވަހު ދައުވާ އަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.
މިވަގުތު އަށް އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާ ޒިޔަތާ ޖަލުގައި ބައްދަލު ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ވިދާޅުވެ، މުއްދަތު އިތުރުކޮށްދޭން ޒިޔަތުގެ ވަކީލު އެދިވަޑައިގަތުމުން ގާޒީ ވިދާޅުވީ ޒިޔަތާ ބައްދަލު ކުރެވޭނެ ވަގުތު އިތުރުކޮށްދޭން ކޯޓުން މަސައްކަތް ކުރާނެ ކަމަށެވެ.
މިހާތަނަށް ފެންމަތިވި އެންމެ ބޮޑު ޚިޔާނާތުގެ އެ މައްސަލައިގައި ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ނުވަ ދައުވާއެއް ދައުލަތުން ކުރެ އެވެ. އަދީބަށް ކުރަނީ މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.
އަދީބާއި ޒިޔަތުގެ މައްޗަށް ކުރިން ވެސް ވަނީ ފަސް މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައެއް ސާބިތުވެފަ އެވެ. އެއީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރާ ހަވާލުވުމަށް ފަހު އެ އަށް ޚިޔާނާތްތެރިވި މައްސަލައެކެވެ.