ރަސްރަނި ބަގީޗާ ހަފުލާތަކަށް ކުއްޔަށް ދޫކުރަން ނިންމައިފި
ރަސްރަނި ބަގީޗާ ހަފުލާތަކަށް ކުއްޔަށް ދޫކުރަން ނިންމައިފި

ރަސްރަނި ބަގީޗާ، ޕާޓީތަކާއި އެކި ހަފުލާތަކަށް ކުއްޔަށް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އުފަން ދުވަސް އަދި ކައިވެނި ޕާޓީ ފަދަ ހަފުލާތަކަށް ރަސްރަނި ބަގީޗާ އެއްކޮށް ކުއްޔަށް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން އެފަދަ ހަފުލާތަކަށް ކުއްޔަށް ދެނީ ގަޑިއިރަކަށް 25,000ރ. އަށެވެ. އުފަންދުވަސް އަދި ކައިވެނި ޕާޓީ ފަދަ ހަފްލާއަކަށް ކޮންމެ ތަނެއް ވެސް ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން މަހަކު ހަތް ދުވަހަށެވެ. އޭގެ ތެރޭގައި ބަންދު ދުވަސްތަކެއް ނުހިމެނޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ރަސްރަނި ބަގީޗާގައި ހުންނަ އެމްފްތިއޭޓަރު ވެސް ވިޔަފާރީގެ ހަރަކާތްތަކަށް ކުއްޔަށް ދޭން ވަނީ ނިންމައިފަ އެވެ. އެއީ ގަޑިއިރަކަށް 1،000ރ. އަށެވެ. އަދި އިޖުތިމާއީ ހަރަކާތްތަކަށް އެ ތިއޭޓަރު ދޫކުރަނީ ގަޑިއިރަކަށް 500ރ. އަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ރަސްރަނި ބަގީޗާގެ ތަފާތު ބައިތައް ހަފުލާތަކަށް ކުއްޔަށް ދޫކުރަން ނިންމި ނަމަވެސް ކުޑަކުދިންގެ ހަވީރު އަދި ސްކޫލްތަކުންނާއި ޖަމިއްޔާތަކުން ހިންގާ ކުޑަކުދިންގެ ހަރަކާތްތަކަށް އެއްވެސް އަގެއް ނުނަގާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ރަސްރަނި ވިއުގެ ފުރަތަމަ ބުރި ވިޔަފާރީގެ ހަރަކާތްތަކަށް ދެނީ ގަޑިއިރަކަށް 500ރ. އަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުން ބާއްވާ ބައްދަލުވުންތަކަށް އެތަން ދޫކުރަނީ ގަޑިއިރަކަށް 300ރ. އަށް ކަމަށް ބުންޏެވެ. އޭގެ އިތުރުން އަމިއްލަ ފަރުދަކު ބާއްވާ ހަރަކާތެއް ނަމަ ރަސްރަނި ވިއު ދެނީ ގަޑިއިރަކަށް 100ރ. އަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެއްވެސް ހަރަކާތަކަށް އެއްވެސް ތަނެއް ކުއްޔަށް ހިފޭނީ މަދުވެގެން އެއް ގަޑިއިރަށް ކަމަށެވެ. އަދި ގިނަވެގެން ދެވޭނީ ފަސް ގަޑިއިރަށް ކަމަށް ވެސް ބުނެފައިވެ އެވެ.