"ގޯލްމާލް އެގެއިން" ފުރަތަމަ ޓްރެއިލާއާ އެކު ވެސް ރެކޯޑެއް
"ގޯލްމާލް އެގެއިން" ފުރަތަމަ ޓްރެއިލާއާ އެކު ވެސް ރެކޯޑެއް

"ގޯލްމާލް" ފްރެންޗައިސްގެ ފިލްމުތަކަކީ އިންޑިއާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެކެވެ. މިކަމުން ދޭހަވަނީ މިއަހަރު ނުކުންނަ "ގޯލްމާލް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު ބަލާހިތުން މިހާރުވެސް ގިނަ ބަޔަކު ކެތް މަދުވެފައި ތިިބި ކަމެވެ.

"ގޯލްމާލް އެގެއިން" އަކީ އަޖޭ ދޭވްގަން، ތައްބޫ، ޕަރިނީތީ ޗޯޕްރާ، ކުނާލް ކޭމޫ، އަރްޝަދު ވާރްސީ، ޝްރެޔަސް ތަޅްޕަޅޭ އަދި ތުޝާރު ކަޕޫރު ތަރިންގެ ގޮތުގައި ހިމެނޭ ފިލްމެކެވެ. ފިލްމަކީ ވަރަށް މަޖާ ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މީގެ ދެ ދުވަސް ކުރިން މި ފިލްމުގެ ފުރަތަަމަ ޓްރެއިލާ ރިލީޒްކުރުމާ އެކު ބެލުންތެރިން ދިން ތަރުހީބުން ވެސް މި ފިލްމު ބަލާހިތުން މީހުން ތިބި ވަރު ވަނީ ހާމަވެފަ އެވެ. ޔޫޓިއުބާއި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުން 24 ގަޑިއިރުތެރޭގައި މި އިޝްތިހާރު ބެލި އަދަދު ވަނީ 20 މިލިއަނަށް އަރާފަ އެވެ. ޔޫޓިއުބުން އެކަނިވެސް މި އިޝްތިހާރަށް އެއް ދުވަސް ތެރޭ 15 މިލިއަން ވިއުޒް ލިބިފައިވެ އެވެ. އެއާއެކު މި ފިލްމު ވެފައިވަނީ 24 ގަޑިއިރު ތެރޭގައި 20 މިލިއަން ވިއުޒް ލިބުނު ފުރަތަމަ ހިންދީ ފިލްމު ޓްރެއިލާ އަށެވެ. އަދި މި ޓްރެއިލާ ރިލީޒް ކުރުމާ އެކު ޔޫޓިއުބްގައި އެ ވީޑިއޯ އަންނަނީ ޓްރެންޑްވަމުންނެވެ.

"ގޯލްމާލް"ގެ ހަތަރު ވަނަ ފިލްމެއް އުފައްދަން ހަތް އަހަރުގެ ދިގު މުއްދަތެއް ނެގީ ކީއްވެތޯ، މި ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމުގެ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑައިރެކްޓަރު ރޯހިތު ޝެޓީއާ ނޫސްވެރިއަކު ސުވާލު ކުރި އެވެ. ޖަވާބުގައި ރޯހިތު ބުނީ ރަނގަޅު މޮޅު ވާހަކައެއް ނުލިބިގެން އެ ފަދަ ވާހަކައަކަށް އިންތިޒާރު ކުރީ ކަމަށެވެ.

"ހުތުރު ވާހަކައަކަށް ފިލްމެއް ތައްޔާރުކޮށްގެން 'ގޯލްމާލް' ނަން ޚަރާބުކޮށް ބެލުންތެރިންނަށް މަކަރު ހަދާކަށް އަހަރެން ބޭނުމެއް ނޫން. އެހެންވެ މި ވާހަކައަކީ މަޖާ މޮޅު އެއްޗަކަށް ހަދަން ވަގުތު ނެތީ،" ރޯހިތު ބުންޏެވެ.

މި ސިލްސިލާގެ ކުރީގެ ފިލްމުތަކަށް ވުރެ ފުޅާ އޯޑިއަންސަކަށް މި ފިލްމު ހުޅުވާލަން ވަނީ ނިންމާފަ އެވެ. އަންނަ މަހުގެ 20 ވަނަ ދުވަހު މި ފިލްމު އިންޑިއާގައި ރިލީޒްކުރާއިރު 4000 އަށް ވުރެ ގިނަ ސްކްރީންގައި އެއްފަހަރާ ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.