ޕީޕީއެމްގެ އިސް ބައެއް މެމްބަރުންނާ ބައްދަލުކުރައްވަނީ
ޕީޕީއެމްގެ އިސް ބައެއް މެމްބަރުންނާ ބައްދަލުކުރައްވަނީ

އެތެރޭގެ ކޯޅުން ބޮޑުވެފައިވާ ޕީޕީއެމްގެ އިސް ބައެއް މެމްބަރުންނާ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލުކުރައްވަމުން އެބަގެންދަވަ އެވެ. އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އަދި މައުމޫންގެ ފަޅީގައި މިހާރު އިސްކޮށް ހަރަކާތްތެރިވެވަަޑައިގަންނަޥާ އުމަރު ނަސީރު ވެސް ބައިވެރިވެވަަޑައިގަންނަވަ އެވެ. އަދި ކައުންސިލްގައި މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް އެ ކައުންސިލްގައި ބައިވެރިވެވަޑައިގަތެވެ.

މިހާތަނަށް މި ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އުމަރުގެ އިތުރުން ރާޝިދާ ޔޫސުފާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ސީނާ އަހުމަދު ޒާހިރާއި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހިމެނިވަޑައިގަންވަ އެވެ.

ޕީޕީއެމްގެ ބައެއް އިސްބޭފުޅުންނާ މައުމޫން ބައްދަލުކުރައްވާއިރު، އެ ޕާޓީގެ ކައުންސިލްގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވައިފަ އެވެ.

ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވީ، ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހަށް ފަހުގަ އެވެ. އެ އިސްލާހާ އެކު ކޮރަޕްޝަނަށް މަގުފަހިވެދާނެތީ، އިސްލާހު ފާސްނުކުރުމަށް މައުމޫން ތަކުރާރުކޮށް ދެންނެވި ނަމަވެސް، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ޕީޕީއެމްގެ ހަމައެކަނި މެމްބަރަކީ ފާރިސް މައުމޫނެވެ. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ވޯޓު ނެގި ވަގުތު ހުންނެވީ މަޖިލިހުގެ ޗެމްބަރުން ބޭރުގަ އެވެ.

ފާރިސް އާއި ވަހީދު، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވި މައްސަލާގައި އެބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް އިއްޔެ ހުށަހެޅި އެވެ. އަދި އެންމެ ފަހުން މައުމޫން ވަނީ އެމަނިކުފާނުގެ ހުއްދަ ނެތި، ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުބޭއްވޭނެ ކަމަށް އަންގަވައިފަ އެވެ. މީގެ އިތުރުން މައުމޫން އައްޔަން ކުރައްވާފައިވާ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް މަތިކޮށްފައިވާ ޕީޕީއެމްގެ މަސްއޫލިއްޔަތުތައް ވެސް މައުމޫން ވަނީ ރޭ އަތުލައްވައިފަ އެވެ.

ޕީޕީއެމްގެ އިދާރީ ހިންގުމުގައި މިހާތަނަށް އިސްކޮށް ހުންނެވީ އަބްދުއްރަހީމެވެ. އަދި މައުމޫން ވަޑައިގެން ނެތް ހާލަތެއްގައި ޕާޓީގެ ކައުންސިލް ބޭއްވުމާއި މައްސަލަތައް އެޖެންޑާ ކުރުމުގެ ބާރު ވެސް އަބްދުއްރަހީމަށް އޭރު އޮތީ ދީފަ އެވެ. އެކަމަކު މައުމޫން ވަނީ އެ ބާރުތައް ވެސް ރޭ އަތުލައްވައިފަ އެވެ.

ތަފުސީލް އަންނަނީ...