24 ސެޕްޓެމްބަރ 2017 - 10:13

ޔޫރަޕް އަދި މުޅި ދުނިޔޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ފްރާންސްގެ "އަވެން" ބްރޭންޑްގެ ޕްރޮޑަކްޓްތައް ޕްލާޒާ އެންޓަޕްރައިޒަސް އިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސްކިން ކެއާ ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ އަވެންގެ 11 ޕްރޮޑަކްޓެއް، ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕްލާޒާއިން ވަނީ ރާއްޖެއަށް ތައާރަފްކޮށް، ބާޒާރަށް ނެރެފަ އެވެ.

އޭގެ ތެރޭގައި އަވެންގެ މަގްބޫލު ތާމަލް ސްޕްރިންގް ވޯޓާ، ސަން ސްކްރީން ލޯޝަންތަކާއި، ސްޕްރޭ، އަދި އެވޭން ބްރޭންޑްގެ ޑެއިލީ މިސެލާ ލޯޝަންގެ އިތުރުން ހަންގަނޑު މާބޮޑަށް ތެޔޮވާނަމަ ބޭނުންކުރެވިދާނެ އުފެއްދުންތަކާއި، ކްލެންސިން ފޯމް ހިމެނެ އެވެ. އަވެން ބްރޭންޑްގެ އެންޓި އޭޖިން ރޭންޖުގައި ހިމެނޭ ހަންގަނޑަށް ރޫ އެރުމުން ދުރުކޮށްދޭ ކްރީމްތަކާއި، އެމަލްޝަން އަދި ލޮލާއި ތުންފަތުގެ ހަންގަނޑަށް އެކަށީގެންވާ ފަރުވާތައް ލިބިދޭ އުފެއްދުންތައް ހިމެނެ އެވެ. އަދި ހަމުގެ ކުލަ އެއްވަރުކޮށްދީ މޫނަށް އިތުރު އުޖާލާކަން ގެނެސްދޭ އަވެންގެ ވައިޓްނިން އެސެންސް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.

އަވެން ބްރޭންޑް އެގްޒެކްޓިވް ހަލީމަތު ޝިއުނާ ވިދާޅުވީ، އެ ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓްތައް ޕްލާޒާ އެންޓަޕްރައިޒަސްގެ މާލެ އަދި ހުޅުމާލޭގެ އައުޓްލެޓް ތަކުންނާއި ބައެއް ފާމަސީ ތަކުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.
އަވެންގެ ތާމަލް ސްޕްރިންގް ވޯޓާގެ 50 އެމްއެލް އާއި 150 އެމްއެލް ވިއްކާނެ އެވެ. މިއީ 1743 ވަނަ އަހަރުން ފެށިގެން "ޕިއާ ފެބާ ޑާމާ ކޮސްމެޓިކް" ކުންފުނިން، ނާޒުކު ހަމަށް ފަރުވާ ކުރުމަށް ފްރާންސްގެ އަވެންގެ ފަރުބަދަތަކުން ނަގާ ފެނެވެ. އެންމެ ތުއްތު އުމުރުން ފެށިގެން ހުރިހާ އުމުރުފުރަޔަކަށް ވެސް އަވެންގެ ތާމަލް ސްޕްރިންގް ވޯޓާ ބޭނުން ކުރެވޭނެ އެވެ. އޭގެ އިތުރުން މި އުފެއްދުމުގައި ހަމުގެ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި ހަމުގެ ޑޮކްޓަރުން ލަފާދެއްވާ ކްލިނިކަލީ ޕްރޫވަން މާއްދާއެއް ހިމެނެ އެވެ. އަދި މިޕްރޮޑަކްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ބޭނުންތަކަށް ބޭނުން ކުރަމުން އަންނަ، އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޓެކެވެ. އެގޮތުން އަވެން އިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޮންމެ ދެ ސިކުންތަކުން އެ ކުންފުނީގެ ތާމަލް ސްޕްރިންގް ވޯޓާ ފުޅިއެއް ވިކެ އެވެ.
އަވެން ބްރޭންޑްގެ އެންމެ ހާއްސަ އެއްކަމަކީ އެހެން އުފެއްދުންތަކާއި ހިލާފަށް މިއުފެއްދުމަކީ ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކަކަށް ވުން ކަމަށް އެ ކުންފުނިން ބުނެ އެވެ. މި އުފެއްދުން ތަައާރަފް ކޮށްފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވަށްޓާއި ގުޅޭނެފަދަ ކެމްޕޭން "ސްކިން ޕްރޮޓެކްޓް، އޯޝަން ރެސްޕެކްޓް"ގެ ދަށުންނެވެ.
"އަވެން ބްރޭންޑަކީ ޔޫރަޕްގެ ނަންބާ ވަން ޑާމާ ކޮސްމެޓިކް ކޮމްޕެނީ ކަމުގައިވާ ޕިއާ ފެބާ ޑާމާ ކޮސްމެޓިކް ގެ އުފެއްދުމެއް. ވީމާ ޔޫރަޕްގެ ބީޗްތަކުގައި އުޅޭ މީހުން އަތުގަ އަވެން ސަންކެއާ ނެތި ނުދާނެ. އަބަދު ވެސް އެ މީހުން އުޅޭނީ އަވެންގެ ސަންސްކްރީން ފުޅިއެއް ދަބަހައް ލައިގެން. ޔޫރަޕްގެ އިތުރުން މިއީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ބްރޭޑް. އެހެންކަމުން ރާއްޖެއިން މި ބްރޭންޑް ލިބެންހުރުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިންހަމަޖެހުމެއް،" ޝިއުނާ ވިދާޅުވި އެވެ.
ހުރިހާ ކުލައަކާއި، ހުރިހާ ވައްތަރެއްގެ ހަމަކަށް ވެސް އަވެންގެ ސަންކެއާ ގުޅޭނެ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. އަދި މި ސަންކެއާގެ ބާރު 24 ގަޑިއިރަށް ދެމިހުންނަ އިރު، 80 މިނެޓާއި ހަމައަށް ވޯޓާ ރެސިސްޓެންޓް ވާނެ އެވެ.
ޕްލާޒާ އެންޓަޕްރައިޒަސްގެ އައުޓްލެޓް ތަކުގެ އިތުރުން އެކުންފުނީގެ ޕާޓްނާ ހޮޓެލްތަކާއި 25 ރިސޯޓަކުން ވެސް އަވެންގެ އުފެއްދުންތައް މިހާރު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.