25 ސެޕްޓެމްބަރ 2017 - 06:04

އެކްސިޑެންޓެއްގައި ލިބުނު ބޮޑެތި ޒަޚަމްތަކަކަށް ފަހު މޫނުމަތި އެއްކޮށް ބަދަލުވެފައިވާ އިންޑިއާ އަންހެނަކާއި އޭނާގެ ފިރިމީހާގެ ވާހަކަ ފޭސްބުކް ޕޭޖެއްގައި ޝާއިއުކުރުމާ އެކު އެތައް ހާސް ބަޔަކަށް ފުން އަސަރުތަކެއް ކުރުވައިފި އެވެ. ހަގީގީ ލޯބީގެ މި މިސާލުގައި ފިރިހެންމީހާގެ އޯގާތެރިކަމާއި އަންހެންމީހާގެ ގަދަ ހިތްވަރު އެނގުމުން އެންމެންގެ ތައުރީފް މި ދެމަފިރިންނަށް އަންނަނީ އޮހެމުންނެވެ.

ޓެމިލް ނާޑޫގެ ކޮއިމްބަތޫރުގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ސުނީތާ އަޓިނަސް ގްރޭޑް 12 ނިންމާފައި ބެންގަލޫރަށް ބަދަލުވީ ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގަ އެވެ. އެ ހުވަފެނުގައި އޭނާ ފިޒިއޮތެރަޕީ ކޯހެއްގައި ބައިވެރިވެ ވަޒީފާ އަކަށް ދާން ވެސް ފެށި އެވެ. އެކަމަކު ކޮއިމްބަތޫރަށް ގޮސްލަން 2011 ވަނަ އަހަރު ރައްޓެހިންތަކަކާ އެކު ކާރެއްގައި ދަތުރުކުރަނިކޮށް ހިނގި އެކްސިޑެންޓަކަށް ފަހު އެ ހުރިހާ ކަމަކަށް ހުއްޓުން އެރި އެވެ.
"ބީންޔޫ"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކަށް ސުނީތާ ކިޔައިދީފައިވާ ގޮތުގައި ބިއްލޫރިގަނޑު ތިރިކޮށްފައި ހުރި ކާރުގެ ފަހަތު ސީޓުގައި ނިދިފައި އިންދާ ކުއްލިއަކަށް ހޭލެވުނީ ބާރު އަޑަކަށެވެ. ކާރުގައި ތިބި ރައްޓެހިން ފަހުން ކިޔައިދިން ގޮތުގައި ތަނެއްގައި ޖެހި ކާރު ފުރޮޅެމުންދިޔަ އިރު ސުނީތާގެ އިސްތަށިގަނޑު އަޅައިގަނެ، މޫނު އޮތީ ކުޑަދޮރުން ބޭރުގަ އެވެ.
"އަހަރެންގެ މޫނުގައި ބާކީ އެންމެ ތަންކޮޅެއް ވެސް ނެތް. ހަންތައް ސާފު ކުރަން އެކަނި ވެސް ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ހޭދަވި. ސާފުކުރުމުގެ ތެރޭގައި އެ މީހުންނަށް އަހަރެންގެ ވާތު ލޮލުގެ އޮށް ފެނުނީ ކޮލުން. ޑޮކްޓަރުން ވަނީ ފަރުވާތެރިކަމާ އެކު އެ އޮށް އަލުން ލައްވާފައި،" ހޮސްޕިޓަލުގައި ހޭދަކުރި ފުރަތަމަ ދުވަސްތަކުގެ ވާހަކަ ކިޔައިދެމުން ސުނީތާ ބުނެފައިވެ އެވެ.
"މޫނުގައި އަތް ލާފާނެތީ އެ މީހުން އަހަރެން ބޭއްވީ ދެ އަތް ބަނދެފައި. އަހަރެންގެ ތިރީ ދަތްދޮޅި އޮތީ ފަސް ތަނުން ބިންދައިގެން ގޮސްފައި. މަތީ ދަތްދޮޅި އޮތީ އެއްކޮށް ފުނޑުފުނޑު ވެފައި. އަނގައިގައި ހުރީ އެންމެ ދަތެއް."
ސުނީތާ އަށް އޭނާގެ މޫނު ފެނިދާނެތީ އޭނާ އޮތް ކޮޓަރީގައި ހުރި ލޯގަނޑުތައް ވެސް ނެގި އެވެ. އެކްސިޑެންޓަށް ފަހު އޭނާ އަށް އެންމެ ފުރަތަމަ މޫނު ފެނުނީ ލިފްޓެއްގެ ދޮރުންނެވެ. އެ ވަގުތު ދެރަވެ ބިރުގަތް ކަމަށާއި އޭނާ އަށް ފެނުނީ އޮރިވެފައިވާ މޫނެއްގެ މެދުގައި އިން ލޯވަޅަކުން އޭނާއާ ދިމާއަށް ބަލާ މަންޒަރު ކަމަށް ސުނީތާ ބުންޏެވެ.
ސުނީތާގެ 27 ސާޖަރީއެއް 2011 އާއި 2014އާ ދެމެދު ހަދާފައިވެ އެވެ.
މިހާރު ސުނީތާ އަށް ކާއެއްޗެހީގެ ރަހައެއް ނޭނގެ އެވެ. ލޮލުގެ ކަރުނަ އުފައްދައިދޭ ޓިއަ ގްލޭންޑްތަކެއް އޭނާގެ ނެތެވެ. ވަހެއް ނުދުވަ އެވެ. ކާއެއްޗެހި ނުއެއް ހެފެ އެވެ. އަނގަ ރަނގަޅަކަށް ނުވެސް ލެއްޕެ އެވެ.
ސުނީތާ ބުނިގޮތުގައި ޒަޚަމްތަކުން އަރައިގަތުމުގެ ދަތުރުގައި އެހެން މީހުންނާ ބެހޭގޮތުން ވަރަށް ގިނަ އެއްޗެހި އޭނާ އަށް ދަސްވި އެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ (ނުވަތަ ކޮއްކޮ) "ތަނބެއްހެން" އޭނާގެ ގާތުގައި ހުރި އިރު ރަހުމަތްތެރިން އާއިލާގެ މެމްބަރުންނަށް ވި ކަމަށާއި އެކަމަކު އޭނާ ދޫކޮށް ދިޔަ މީހުންނާއި އޭނާ ދެކެލާނެހާ ހިތްވަރެއް ނެތް މީހުން ވެސް ތިބި ކަމަށް ސުނިތާ ކިޔައިދީފައިވެ އެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ސުނީތާ ޓެމިލް ނާޑު އަށް ބަދަލުވި އެވެ. އެކަމަކު އޭނާ އަނެއްކާވެސް ވަނީ ބެންގަލޫރަށް ގޮސްފަ އެވެ. ފުރާވަރުން ފެށިގެން އޭނާ އަށް ހިތްކިޔަމުން އައި ސެންތިލް ކުމާރުއާ ކައިވެނިކުރަން އޭނާ ނިންމީ އެ ހިސާބުންނެވެ.
ޖެނުއަރީ 2012 އިން ފެށިގެން، ސުނީތާގެ ހުރިހާ އޮޕަރޭޝަންތަކެއް ކުރި އިރު، ސެންތިލް އޭނާގެ ގާތުގައި ހުއްޓެވެ. ސްކޫލް ދައުރުގައި ފުރަތަމަ ދިމާވި އެ ދެ މީހުން އަލުން ބައްދަލުވީ ސުނީތާގެ އެކްސިޑެންޓާ ގުޅިގެންނެވެ.
"ބީންޔޫ"ގައި ޖެހި އެހެން ޕޯސްޓެއްގައި ސެންތިލް ވަނީ އެ ވާހަކަ ތަފްސީލްކޮށް ކިޔައިދީފަ އެވެ.
ކުރިން ނުދެކޭ އަންހެންކުއްޖަކު ކްލާސް ކައިރިން ހިނގާފައި ދަނިކޮށް ފެނިގެން ކަޅިޖަހާ ނުލައި ބަލަން ހުރެވުނު ދުވަހުން ފެށިގެން ސެންތިލް އައީ ސުނީތާ އަށް ހިތްކިޔަމުންނެވެ. އެއީ 2004 އެވެ. ދެ މީހުންނަށް ވެސް 17 އަހަރެވެ.
ދުވަސްތަކަކަށް ފަހު ސެންތިލް އާއި ސުނީތާ ރަހުމަތްތެރިންނަށްވި އެވެ. އެކަމަކު ސުނީތާ އެހެން މީހަކާ އެކީ އުޅޭ ތަން ފެންނަ ކޮންމެ ފަހަރަކު ސެންތިލްގެ ހިތަށް ތަދުވެ އެވެ. އެއާ އެކު އޭނާ ވަނީ ކީއްވެގެންކަން ނުވެސް ބުނެ، ސުނީތާއާ ވާހަކަދެއްކުން ހުއްޓާލާފަ އެވެ.
ވާހަކަދައްކަން ބޭނުން ކަމަށް ސުނީތާ ފަހުން ބުންޏަސް ޚަބަރެއް ނުވި އެވެ. ސެންތިލް ދިޔައީ ކޮލެޖަށެވެ. ސުނީތާ ބެންގަލޫރަށް ބަދަލުވީ އެވެ.
"އަހަންނަށް ދުވަހަކު ވެސް އޭނާ ފަދަ އެހެން މީހަކާ ބައްދަލެއް ނުވޭ،" ސެންތިލް ކިޔައިދީފައިވެ އެވެ.
އޭގެ ފަހުން 2007ގައި އުފަންދުވަހުގެ ތަހުނިޔާ ކިޔަން ސެންތިލް އަށް ސުނީތާ ގުޅި އެވެ. ސެންތިލް ބުނީ އެއީ ކާކުކަން ބުނުމާ އެކު ހިތްތެޅެން ފެށި ކަމަށާއި އެންމެ ދެ މިނިޓްގެ އެ ކޯލަކީ ތާއަބަދު ކަމުގެ އިހުސާސްކުރެވުނު ކަމަށެވެ. އޭގެ ފަހުން ދެ މީހުން ދޭތެރެދޭތެރެ އިން ވާހަކަދައްކާ ހެދިޔަސް، ދެ މީހުން ވެސް ދިރިއުޅުމުގެ ކަންކަމާ އަވަދިނެތި އުޅެމުން ގެންދިޔައީ އެވެ.
ނޮވެމްބަރު 2011ގައި ސުނީތާގެ އެކްސިޑެންޓްގެ ޚަބަރު ސެންތިލް އަށް ދިނީ އެ ދެ މީހުން ދަންނަ ރަހުމަތްތެރިއެކެވެ. ސެންތިލް ސުނީތާ އަށް ގުޅީ އެ ކޯލަށް ދެ ދުވަސް ފަހުންނެވެ. ސެންތިލް ބުނީ އެކްސިޑެންޓެއް ވިޔަސް، ލިބޭނީ ކުޑަ ގެއްލުމެއް ކަމަށް ހީކުރެވުނީ ކަމަށެވެ.
"(ސުނީތާ އަށް) ގޮވާލަން ދިޔަ އިރު އަހަންނަށް ފެނުނީ ނޭފަތެއް، އަނގައެއް، ދަތްތަކެއް ނެތް އަދި ބޮލުގައި އިސްތައްޓެއް ނެތް، މޫނުމަތީގެ ސިފަ ގެއްލިފައިވާ މީހަކު 90 އަހަރުގެ މީހެކޭ އެއްގޮތަށް ހިނގަނިކޮށް. އަހަރެން ގަބުވީ. ރޮވުނީ. އެ ވަގުތު އެނގުނީ އަހަރެން އޭނަ ދެކެ ލޯބިވާކަން،" ސެންތިލް ބުންޏެވެ.
އެއަށް ފަހު ހަމަ އެ ރޭ ސެންތިލް، ސުނީތާ އަށް މެސެޖެއް ފޮނުވި އެވެ. އޭނާ އަށް އަޅާލުން ދެވޭނެ ހަމައެކަނި މީހައަކީ ތިމަންނަ ކަމަށާއި ސުނީތާ ދެކެ ލޯބިވާ ކަމަށް ބުންޏެވެ. އަދި ކައިވެނިކުރަން ބޭނުންވާ ކަމަށް ބުންޏެވެ. ފަހުން ސުނީތާ ގުޅުމުން އަނެއްކާވެސް ކައިވެންޏަށް އެހި އެވެ. ސެންތިލް ބުނީ ވަކި ޖަވާބެއް ނުދީ ހިނިގަނޑަކުން ނިންމާލިޔަސް ސުނީތާ ނޫނެކޭ ނުބުނާ ކަމަށެވެ.
އޮޕަރޭޝަންތައް ކުރަމުން ގެންދިޔަ އިރު އޭނާ ހުރީ ސުނީތާގެ ގާތުގަ އެވެ. ސެންތިލް ބުނީ އެ ދުވަސްތަކުގައި ދިރިއުޅުމަކީ ކޮބައިކަން ދެ މީހުން އެކުގައި ދަސްކުރަމުން ގެންދިޔަ އިރު އަޑިގަނޑުތަކާއި އުސްގަނޑުތައް އައި ކަމަށާއި އެކަމަކު އެންމެ ފަހުން އެ ހުރިހާ ކަމެއް ވެސް ގިރާކުރީ ކަމަށެވެ. ފަހުން ސެންތިލް ވެސް ބެންގަލޫރަށް ބަދަލުވި އެވެ.
"ޖެނުއަރީ 26، 2014ގައި އަހަންނަށް ބެންގަލޫރަށް ދެވުނު އިރު މެންދަމުން އަލިވެ އެކެއް ޖަހައިފި. އަހަރެން ހުރީ ވަރަށް ވަރުބަލިވެފައި. އަހަންނަށް ފެނުނީ ޕްރޮޕޯޒްކުރަން ތިން ފިނިފެންމާ ހިފައިގެން އޭނާ ބެލްކަނީގައި ހުއްޓާ. އަހަރެން ބުނީ އާނއެކޭ. ހަމަ އެ ދުވަހު އަހަރެމެން އެންގޭޖް ވެއްޖައިން. ކައިވެނީގެ ތައްޔާރީތައް ވަގުތުން ފެށިއްޖެ،" ސެންތިލް ބުންޏެވެ.
އެކަމަކު ކައިވެނީގެ ގޮށް ޖަހާ ހިސާބަށް އެ ދެ މީހުންނަށް ދެވުނީ އެތައް މައްސަލަތަކަކާއި ގޮންޖެހުންތަކެއްގެ ތެރެއިންނެވެ. ސެންތިލް ބުނިގޮތުގައި އެ މީހުންގެ އަތްމަތި ދަތިކަމުން، ކައިވެނީގެ ހަފްލާ ބޭއްވި ދުވަހުގެ ހެނދުނު އޭނާ ހުރީ ސޯޓެއް ލައިގެން، ހަފްލާ ބާއްވަން އޮތް ތަން ކުނި ކަހާށެވެ. ކައިވެނީގެ ހަފްލާއެއް މިހާރު ބާއްވަނީ ކީއްވެގެންތޯ މީހުން ސުވާލު ވެސް ކުރި ކަމަށާއި ސުނީތާގެ މޫނު ވާރުތަކޮށްފާނެއޭ، ކުދިން ނުހޯދާށޭ ވެސް މީހުން ބުނި ކަމަށް ސެންތިލް ކިޔައިދިނެވެ.
"ސަހަރޯ ހީވާ ގޮތަށް މީހުން އަދިވެސް ސުނީތާއާ ދިމާއަށް ބަލާ ހަދާ. އެ މީހުން ދެކޭގޮތުގައި އަހަރެން އޭނާއާ ކައިވެނިކުރުމަކީ ވަރަށް ބޮޑު ކަމެއް. ހަގީގަތަކީ އަހަރެން ކައިވެނިކުރީ އަހަރެންގެ ހަޔާތުގެ ލޯބިވެރިޔާއާ. އަދި އޭގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އައީ ހެޔޮ ބަދަލު. މިއަދު އަހަރެމެން ދެ މީހުންގެ ދެ ކުދިން އެބަތިބި،" ސެންތިލް ބުންޏެވެ.
ސެންތިލް ބުނީ ލޯތްބަކީ މޫނާއި ބޭރުފުށުގެ ރީތިކަން ދެކެ ވާ އެއްޗެއް ނޫން ކަމަށެވެ. އަދި ލޯތްބަކީ ޝަރުތުތަކެއް އޮންނަންވާނެ އެއްޗެއް ވެސް ނޫން ކަމަށެވެ.
"އެއީ ދެ ފުރާނައެއްގެ ގުޅުން. އިހުސާސްކުރެވޭ ހިތްހަމަޖެހުމެއް. އަހަންނަށް އެނގޭހާ ވެސް އެއްޗަކީ އަހަރެން އޭނަ ދެކެ އިންތިހާ އަށް ލޯބިވާކަން. އަބަދުގެ އަބަދަށް އަދި އޭގެ ފަހުން ވެސް ލޯބިވާނެކަން،" ސުނީތާއާ ބެހޭގޮތުން ސެންތިލް ބުންޏެވެ.