23 ސެޕްޓެމްބަރ 2017 - 16:58

ރަކީން ސްޓޭޓް (ސެޕްޓެމްބަރު 23) - މިއަންމާގެ ރަކީން ސްޓޭޓުގެ މިސްކިތެއްގެ ބޭރުގައި ބޮމެއް ގޮއްވާލާފައި ވަނީ މުސްލިމް ހަނގުރާމަވެރިން ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ކޮމާންޑާ-އިން-ޗީފް މިން އައުންގް އެމްލައިން ފޭސްބުކް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވިދާޅުވީ ރަކީންގެ މިސްކިތަކާއި މަދަރުސާއާ ދެމެދު ބޮން ހަރުކޮށް އިއްޔެ ގޮއްވާލީ މުސްލިމް ހަނގުރާމަވެރިން ކަމަށެވެ. އަދި ބޭނުމަކީ އެ އަވަށުގައި ތިބި 700 ވަރަކަށް މީހުން ނެރެލުން ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.
"އަވަށްތަކުގެ މީހުން އެ މީހުންގެ ގެދޮރު ދޫކޮށް ދާން ބޭނުން ނުވާ އިރު ނަމާދު ވަގުތާ ދިމާކޮށް ބޮމެއް ގޮއްވާލުމުގެ ބޭނުމަކީ އަވަށްތަކުގެ މީހުންނަށް ބިރު ދެއްކުން،" ސިފައިންގެ ވެރިޔާގެ ޕޯސްޓުގައި ބުނެފައިވެ އެވެ. "ހަމަލާ ދިނީ އަރްސާ ޓެރަރިސްޓް ގްރޫޕުން.
ބޮން ގޮއްވާލި ނަމަވެސް އެއްވެސް މީހަކު ޒަޚަމް ނުވާ ކަމަށް ސިފައިން ބުނެ އެވެ. ނަމަވެސް ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަނުން މަނާކޮށްފައިވާތީ އެ ސަރަހައްދުގެ ހިންގާ ކަންކަމުގެ ތެދު މައުލޫމާތެއް ނުލިބެ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަނީ ރަކީން ދޫކޮށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރެފިއުޖީން އަވަށްޓެރި ބަންގްލަދޭޝް އަށް ވަދެފައި ވަނީ މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ކަމަށެވެ. ރެފިއުޖީން ވެސް ވަނީ އެ މީހުންނަށް ކުރާ އަނިޔާތައް ކިޔައިދީފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ބުނެފައި ވަނީ ރަކީންގެ ބައެއް ހިސާބުތަކުން އަދިވެސް ދުން އަރާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށެވެ. މިއަންމާ ސިފައިން ބުނެފައި ވަނީ ރަކީންގެ އޮޕަރޭޝަން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.