30 ޖޫން 2016 - 14:10

ކާބުލް (ޖޫން 30) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ބޭރުން ފުލުހުންގެ ފައުޖަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 40 އޮފިސަރުން މަރާލައިފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
ޖާނުންފިދާވުމުގެ ހަމަލާ ދީފައި ވަނީ ގުރެޖުއޭޝަން ނިންމާފައި ދަތުރުކޮށްފައި ދިޔަ ފުލުހުންގެ ވެހިކަލްތަކަކަށެވެ. ޕަގްމަން ޑިސްޓްރިކްޓުގެ ގަވަރުނަރު ހާޖީ މުހައްމަދު މޫސާ ޚާން ވިދާޅުވީ ޖާނުންފިދާވުމުގެ ދެ ހަމާލަގައި ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ފުލުހުންނަށް ދިން ޖާނުންފިދާވުމުގެ ހަމަލާގެ ޒިންމާ ވަނީ ތާލިބާނުން އުފުލައިފަ އެވެ. މީގެ ހަފުތާއެއް ކުރިން ވެސް ތާލިބާނުން ވަނީ ބަހަކަށް ހަމަލާދީ 14 މީހުން މަރާލައިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ކެނެޑާ އެމްބަސީގައި މަސައްކަތް ކުރާ ނޭޕާލުގެ ސިކިއުރިޓީ ގާޑުން ވެސް ހިމެނެ އެވެ.