24 ސެޕްޓެމްބަރ 2017 - 06:07

ޑައިރެކްޓަރު އަބްދުލް ފައްތާހްގެ ފިލްމް "ހައްދު" އިން ފިލްމީ ދާއިރާ އަށް ތައާރަފު ކުރި އެކްޓަރު އަހުމަދު ޝިބާން ލައްވައި އެ ފިލްމް ކުޅުވީ 40،000ރ. އަށް ކަމަށް ފައްތާހް ބުނެފި އެވެ.

އޭނާ ބުނީ އެ އަގަކީ ރާއްޖޭގައި މި ފަހުން އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު އަގު ކަމަށެވެ. އަދި އެވަރުގެ އަގެއް ދީގެން ރާއްޖޭގެ މަޝްހޫރު ތަރިއަކު ލައްވައި ވެސް ފިލްމެއް ހަދާފައި ނެތް ކަމަށް ބުންޏެވެ.

ރާއްޖޭގައި މީގެ ކުރިން އެންމެ ބޮޑު އަގެއް ދީގެން އާ މީހަކު ލައްވައި ފިލްމެއް ކުޅުވީ "ދެރިޔާ" ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން 2001 ގައި ގެނެސް ދިން ފިލްމް "ރަންމުތް" ގަ އެވެ. އެ ފިލްމްގެ ބަތަލާ އާމިރާ "ރަންމުތް" ކުޅުނީ 75،000ރ. އަށެވެ.
ފައްތާހް ބުނީ "ހައްދު" އިން ޝިބާން އަށް އެހާ ބޮޑު އަގެއް ދިނީ އޭނާގެ ކިބައިގައި "ސްޓާ ކޮލިޓީ" ހުރެފައި، ފިލްމީ ދާއިރާ އިން ކުރިއަށް ދާން ވެސް "ހިތްވަރެއް ދިނުމުގެ" ގޮތުން ކަމަށެވެ.
"އަހަރެން އެކްޓަރުން ލައްވައި މަސައްކަތް ކުރުވާނީ އެ މީހުން ވެލިއުކޮށްކޮށްގެން. އެހެންވެ ކުރާ މަސައްކަތާއި އެ މީހެއްގެ ކޮލިޓީ އަށް ބަލާފައި ވޯތު އެއްޗެއް ދީފައި ނޫނީ އަހަރެން މަސައްކަތެއް ނުކުރުވާނަން،" ކާމިޔާބު ފިލްމްތަކެއް ހަދާފައިވާ ޑައިރެކްޓަރު ބުންޏެވެ. "ޝިބާން އަށް ބަލާ ކަމަށް ވަންޏާ އޭނާގެ އެބަހުރި ސްޓާ ކޮލިޓީ. އަހަރެން ބޭނުންވި ވަރަށް އޭނަ ލައްވައި އެކްޓް ކުރެވުނު. މި ޒަމާނުގައި ދިވެހި ސިނަމާ އިން ފެންނަން ޖެހޭ ކަހަލަ އެކްޓަރަކަށް ހަމަ ގައިމު ވެސް ޝިބާން ވެގެން ގޮސްފައި ވަނީ. ހައްދު ފުރިހަމަ އަދި ކާމިޔާބު ފިލްމަކަށްވުމުގައި ޝިބާންފެ ހިއްސާ ހަމަ ވަރަށް ބޮޑޭ ބުނެވޭނީ."
ފައްތާހް ބުނީ "ހައްދު" ގެ ލީޑް ރޯލް ކުޅުނު ދެ ބަތަލާއިން ކަމަށްވާ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އަށް ކޮންމެ ބަތަލާއަކަށް 30،000ރ. ދިން ކަމަށެވެ. މި ފިލްމަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ވިދާ ބަތަލާ އައްޒަ މިހާތަނަށް އެންމެ ބޮޑު އަގަކަށް ކުޅުނު ފިލްމް ވެސް އެވެ.
ހަ ލައްކަ ރުފިޔާގެ ބަޖެޓަކުން އުފެއްދި "ހައްދު" އާ އެކު ފައްތާހް ގެންނަން ބޭނުންވާ އެއް ބަދަލަކީ ރާއްޖޭގައި ފިލްމް ހަދާ މީހުން ތަރިންނަށް ރަނގަޅު އަގެއް ދީގެން އެ މީހުން ލައްވައި މަސައްކަތް ކުރުމުގެ އުސޫލު ވެސް ގެންގުޅުމެވެ.
"މިހާރު ވާ ގޮތަކީ ގިނަ ފަހަރަަށް ފަސްހާސް ރުފިޔާ ނޫނީ އަށްހާސް ރުފިޔާ ދީފައި ފިލްމެއްގެ ލީޑް ރޯލް ކުޅުވާ އިރު، އެއީ ކުރާ މަސައްކަތަށް އަޅާބަލާފައި ވޯތު އެއްޗަކަށް ނުވޭ،" ފައްތާހް ބުންޏެވެ. "އެ މީހުން ކުރާ މަސައްކަތާއި ފިލްމަަށް ދޭ ޓައިމް އަހަރެމެން އެބަ ޖެހޭ ވެލިއު ކުރަން. އަދި ތަރިން ތަރިންގެ ގޮތުގައި ގެންގުޅެން ވެސް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ދަސް ކުރަން ޖެހޭ އެބަ. އަހަރެން އަބަދު ވެސް ބަލަނީ އަހަރެންގެ ފިލްމެއްގައި ކިތަންމެ ކުޑަކުޑަ ރޯލެއް ކުޅޭ މީހަކަށް ވެސް ރަނގަޅު އެއްޗެއް ދީގެން އެ މީހުންގެ އަގު ވަޒަންކޮށްގެން މަސައްކަތް ކުރުވަން."
އޭނާ ބުނީ ތަރިން ފިލްމް ކުޅެދޭ އަގުގެ ވާހަކަ ނުދައްކަނީ ލިބޭ އެއްޗެއް ކުޑަކަމުން އެކަމާ ލަދުން ކަމަށެވެ. އެކަމަކު ފިލްމީ ދާއިރާ އަށް އާ މީހުން ނެރެން ބޭނުންވާ ނަމަ، މި ދާއިރާއަކީ މާލީ ގޮތުން ވެސް ރަނގަޅު އެއްޗެއް ލިބޭ ދާއިރާއަކަށް ހަދަން ޖެހޭ ކަމަށް ބުންޏެވެ.
ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 21 އަހަރުވީ ފައްތާހް ބުނީ ފިލްމީ މަސައްކަތަކީ ހަމައެކަނި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ޖީބު ބޮޑުކުރަން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ފިލްމްތަކުގައި މަސައްކަތް ކުރާ އެންމެންނަށް އެ ބަޔަކު ކުރާ މަސައްކަތަކާ އެކަށީގެންވާ އުޖޫރައެއް ލިބެން ޖެހޭ ކަމަށް ބުންޏެވެ.
"މަ ތަރިންނަށް ވެސް ބުނަން އޮތް ވާހަކައަކީ ހަމައެކަނި ޕްލެޝާއަކަށް ފިލްމް ކުޅޭނެ ކަމެއް ނެތޭ. މިއީ ވިޔަފާރިއެއް. އެހެންވީމާ މީގެ ތެރޭގައި މަސައްކަތް ކުރާ އެންމެން ވެލިއު ކުރެވެން ވާނެ،" އޭނާ ބުންޏެވެ. "ތަރިން ވެސް އެ މީހުންނަށް ހައްގުވާ އެއްޗެއް ހޯދަން ޖެހޭނެ. އެ ވާހަކަ އެ މީހުން ދައްކަން ވެސް ޖެހޭނެ. އަދި އެ މީހުން ކުރާ މަސައްކަތާ އެއްވަރުގެ އަގެއް ވެސް ލިބެން ޖެހޭނެ."
ފައްތާހްގެ 12 ވަނަ ފިލްމް "ހައްދު" އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހެދި އެންމެ ކާމިޔާބު ފިލްމެވެ.