އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް އަސެންސިއޯ
އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް އަސެންސިއޯ

ޕެރިސް (ސެޕްޓެމްބަރު 23) – ފްރާންސުގެ މަޝްހޫރު ކުޅިވަރު ނޫސް ލެކީޕް އިން އިން އެކުލަވާލި ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނަ ރެއާލް މެޑްރިޑުގެ ސްޕެއިން ފޯވާޑް މާކޯ އަސެންސިއޯ އަށް ލިބިއްޖެ އެވެ.

ލެކީޕް އިން އެކުލަވާލީ 21 އަހަރު ނުވަތަ އެއަށް ވުރެ ހަގު އެންމެ މޮޅު 50 ކުޅުންތެރިންގެ ލިސްޓެކެވެ.

ރެއާލް މެޑްރިޑުގައި ތަފާތު ދައްކަމުން އަންނަ އަސެންސިއޯ ވަނީ ސްޕެއިން ގައުމީ ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ކާމިޔާބުކުރިއިރު އޭނާ ފައިނަލުގައި ޔުވެންޓަސް ކޮޅަށް ވެސް ގޯލް ޖެހި އެވެ. ފާއިތުވި ދެ އަހަރު އަސެންސިއޯ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ މަޔޯކާ އާއި އެސްޕަންޔޯލަށެވެ. މި ދެ ޓީމުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކުމުން މިދިޔަ ސީޒަނުގައި ރެއާލްގެ ސްކޮޑުން އޭނާ އަށް ޖާގަ ދިނުމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ނިންމި އެވެ.

މި ލިސްޓުގެ ދެ ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ޑެލޭ އާލީ އެވެ. މި ލިސްޓުގެ ތިން ވަނައިގައި އޮތީ ދާދި ފަހުން ޕީއެސްޖީ އަށް ބަދަލުވި ފްރާންސުގެ ހުނަރުވެރި ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. މޮނާކޯ އިން މިދިޔަ ސީޒަނުގައި ފްރާންސް ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު އޭނާ ވަނީ 44 މެޗުން 26 ގޯލް ޖަހައިފަ އެވެ.

ބޮޑު އަގެއްގައި ދާދި ފަހުން ބާސެލޯނާ އަށް ބަދަލުވި ފްރާންސުގެ ވިންގާ އޮސްމާނޭ ޑެމްބެލޭ އަށް ހަތަރު ވަނަ ލިބުނުއިރު ފަސް ވަނަ އަކީ އޭސީ މިލާނުގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ އެވެ.

ލިސްޓުގެ ގަދަ 10 ގައި ދެން ހިމެނެނީ މެންޗެސްޓާ ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް އާއި ޖަރުމަނުގެ ލެރޯއީ ސާނޭ އާއި ބަޔާން މިއުނިކުގެ ފްރާންސް މިޑްފީލްޑަރު ކިންގްސްލީ ކޯމަން އާއި މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އަދި އާރްބީ ލީޕްޒިގުގެ ޖަރުމަން ފޯވާޑް ޓިމޯ ވޯނާ އެވެ.

ބަޔާން މިއުނިކުގެ ލޯނެއްގެ ދަށުން ސްވަންސީ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އުއްމީދީ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް އަށް ލިބުނީ ލިސްޓުން 30 ވަނަ އެވެ.